ދިވެހި ރައްޔިތުންނަކީ ގާނޫނާއި ގަވާއިދަށް ހުރިމަތްތެރިކޮށް ހިތާ ބަޔަކަށް ވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރީއްޔާ މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުވި ތަހުނިޔާގެ މެސެޖުގައެވެ.
ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވީ ދިވެހި ޤައުމުގެ ރައްޔިތުންނަކީ، ޤައުމުދެކެ ލޯބިވާ، ޤާނޫނާއި ޤަވާއިދަށް ޙުރުމަތްތެރިކޮށްހިތާ، އެކަކު އަނެކަކަށް އިޙުތިރާމުކުރާ ރައްޔިތުންތަކަކަށް ވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ ކޮންމެ ޤައުމެއްގެވެސް ޤައުމީ ދުވަހަކީ، އެޤައުމެއްގެ މުވާޠިނުންގެ ހިތްތަކުގައި ގިނަގުނަ ޤައުމީ ޝުޢޫރުތަކެއް އާވެ އާލާވެގެންދާ ދުވަހެއްކަމަށާއި، މިއަދަކީ ޤައުމާމެދު، އަދި ޤައުމުގެ ކުރިމަގާމެދު އާ އުންމީދުތަކެއް ކުރަންޖެހޭ ދުވަހެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި ދިވެހިންގެ ދީނާއި ޤައުމިއްޔަތުގެ ދިފާޢުގައި، ބޭރުގެ އިސްތިޢުމާރީ ބާރުތަކާ ބޮޑުތަކުރުފާނު ކުރިމަތިލައްވައި، ހޯއްދެވި ނަޞްރާއި ކާމިޔާބީއަކީ، ދިވެހިންގެ ޤައުމިއްޔަތުގެ ބިންގާ އެޅިގެންދިޔަ ނަޞްރަކާއި ކާމިޔާބީއެއްކަމަށެވެ.
ހަމައެހެންމެ މި ދުވަހަކީ ޤައުމާމެދު ދިވެހި ދަރީންގެ ހިތްތަކުގައި ކުލުނާއި ލޯބި އުފެދިފައި އޮތް މިންވަރު ބަޔާންކޮށްދިން ޢިބްރަތްތެރި ހާދިސާއެއް ހިނގައިދިޔަ ދުވަހެއްކަމުގައި ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިއަދުގެ ޢަޒުމަކީ، ދިވެހިޤައުމު މިހާރު ދެކެމުންމިދާ ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތުގައި ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުންކަމަށާއި، މާޒީގައި ޤައުމަށް ކުރިމަތިވެގެން ގޮސްފައިވާ ހިތާމައާއި ހިތްދަތިކަމުން ފުރިގެންވީ ދުވަސްތައް، އަލުން މި ދިވެހިޤައުމަށް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްކުރުންކަމުގައި ވިދާޅުވިއެވެ.