ފުލުހުންގެ ވަޒީފާއިން ވަކިކުރި މައްސަލައިގައި ފުލުހުންގެ އިސްތިއުނާފު ކޮމެޓީއަށް ގޮތެއް ނުނިންމުނު ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ވަޒީފާއިން ފައިރޫޝް ވަކިކުރުމަށް އެ މުއައްސަސާގެ ޑިސިޕްލިނަރީ ބޯޑުން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
ފައިރޫޝް ވަޒީފާއިން ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން ނިންމީ "ހަލާލު ނޫން އާއި ހަރާމް މިއީ އަނެއްކާ އެކައްޗެއްތަ!" އޭ ވިދާޅުވެ އޯގަސްޓް 15 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގެ މައްސަލަ ބެލުމަށް ފަހުގަ އެވެ. ފައިރޫޝްގެ މައްޗަށް ކޮށްފައިވަނީ ސަރުކާރު ބަދުނާމު ވާގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމުގެ ތުހުމަތެވެ.
އެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފު ކުރި އެވެ. އެ މައްސަލައާ ގުޅިގެން އިސްތިއުނާފު ކޮމެޓީގެ ބައްދަލުވުމެއް މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އެވެ.
ފައިރޫޝް ވިދާޅުވީ ޖަވާބުދާރީވުމުގެ ފުރުސަތު ޑިސިޕްލިނަރީ ބޯޑުން ނުދިން ނަމަވެސް، އިސްތިއުނާފު ކޮމެޓީއިން އެ ފުރުސަތު ދިން ކަމަށެވެ.
މަތީ ތައުލީމު ހާސިލުކުރެއްވުމަށް އޮސްޓްރޭލިއާގައި ހުންނެވި ފައިރޫޝް ވިދާޅުވީ ގަޑިއެއްހާއިރު ވަންދެން އިސްތިއުނާފު ކޮމެޓީގައި އޭނާގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފަހުގައިވެސް ވަކި ގޮތެއް އެ ކޮމެޓީއަށް ނިންމިފައިވާނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އޭގެ މާނައަކީ ކޮބައި ކަމެއް ނޭނގޭ، އެހެން ނަމަވެސް، މިކަމުން އެނގިގެންދަނީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ބިނާވެފައިވަނީ ހެއްކާއި ގަރީނާގެ މައްޗަށް ނޫންކަން، އަދި އެ ނިންމުން އިންސާފުވެރި ނޫންކަން ހާމަވޭ،" ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ފައިރޫޝް ވިދާޅުވީ އޭނާގެ މައްސަލައާ ގުޅިގެން އިސްތިއުނާފު ކޮމެޓީގެ މެންބަރުންނަށް ބަދަލު އައިސްފިނަމަ އެކަމާ "ހައިރާން" ނުވާނެ ކަމަށެވެ.
ފައިރޫޝް ވަޒީފާއިން ވަކިކުރުމަށް ނިންމި އިރު، 2014 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ފައިރޫޝް ދިރިއުޅުއްވަމުން ގެންދަވަނީ އޮސްޓްރޭލިއާގަ އެވެ. ނޯ ޕޭ ލީވް ނަންގަވައިގެން އޮސްޓްރޭލިއާއަށް ފައިރޫޝް ވަޑައިގެންނެވީ މަތީ ތައުލީމް ހާސިލްކުރެއްވުމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވުމަށް ފަހު އާ ކޮމިޝަނަރަކު އައްޔަންކުރެވެންދެން އެކްޓިން ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމު ފައިރޫޝް އަދާކުރެއްވި އެވެ. އޭރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފައިރޫޝް އެސިސްޓެންޓް ކޮމިޝަނަރގެ މަގާމަށް ޕްރޮމޯޓްކުރީ އޭގެ ފަހުންނެވެ.
ފައިރޫޝް ވަޒީފާއިން ވަކިކޮށްފައި މިވަނީ، ފުލުހުންގެ އިސްވެރިންތަކެއްގެ މައްސަލަ ބަލައި ބޮޑެތި ފިޔަވަޅުތައް އަޅަމުން ގެންދާ ދަނޑިވަޅެއްގަވެ. އެގޮތުން، އިދިކޮޅު ސިޔާސީ ޕާޓީތަކާ ގުޅުން އޮންނަ ކަމަށް ބުނެ ޗީޕް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާއިރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމްގެ މަގާމު ވަނީ ދަށްކޮށްފަ އެވެ.
މީގެ އިތުރުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދުގެ މަގާމު ދަށް ކުރުމަށްވެސް ވަނީ ނިންމާފަ އެވެ.