ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ދިވެހިރާއްޖެއަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ގެއްލުންތަކެއް ލިބެމުންދާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.
މިނިސްޓަރު ޒަނީޝާގެ ހިތާބުގައި ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ދިވެހިރާއްޖެއަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ގެއްލުންތަކެއް ލިބޭކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ. އަދި އަނިޔާއިން ކުދިން ރައްކާތެރިކޮށް އަނިޔާއާ ދެކޮޅަށް ކުޑަ ކުދިން ބާރުވެރިކުރުވުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ކަމެއްކަމަށް މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ.
މިނިސްޓަރގެ ޚިތާބުގައި، އަނިޔާއިން ރައްކާތެރިކަން ލިބުމަކީ ކޮންމެ ކުއްޖެއްގެ ވެސް ޙައްޤެއް ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ހުށަހެޅޭ މައްސަލަތަކުގެ 50 އިންސައްތައަށް ވުރެ ގިނަ މައްސަލަތަކަކީ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ގޮތުން، ފާއިތުވި ހަތަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 480 އަށް ވުރެ ގިނަ މައްސަލަ މިނިސްޓްރީއަށް ހުށަހަޅައިފައިވާކަން ފާހަގަކުރައްވައި، މީގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިސްމާނީ، ނަފްސާނީ، ޖިންސީ އަނިޔާ އަދި އިހުމާލު ވުމުގެ މައްސަލަތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުޑަކުއްޖަކަށް ލިބުމަކީ ބަލައިގަނެވޭނެކަމެއް ނޫން. ކަމަށާއި ހަމަ އެހެންމެ، ކުޑަކުދިންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާއަކީ ވެސް ހުއްޓުވޭނެކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ކަމަށް މުޅި މުޖުތަމަޢު ހޭލުންތެރިވާންޖެހޭ ކަމަށާއި، އެހީއަށް އެދޭނެ ފަރާތެއް ނެތި، އެއްވެސް ކުއްޖަކު އަނިޔާ ތަޙައްމުލުކުރަމުންދިއުމަކީ ދިވެހިރާއްޖެ ފަދަ ކުޑަ މުޖުތަމަޢުއެއްގައި ވެގެންވާނެ ކަމެއްނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކަންބޮޑުވާންޖެހޭ ފަދަ އަލާމަތްތަކަށް އެންމެހައި ފަރާތްތަކުން ސަމާލުވެ، އެކަންކަން ކަމާގުޅުން ހުރި ދައުލަތުގެ އިދާރާތަކަށް ރިޕޯޓުކޮށް، އަނިޔާ ލިބެމުންދާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ. އަދި މި ފަދަ ހާލަތުތައް ހުއްޓުވުމަށް މިހާރަށްވުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ވެސް މިނިސްޓަރުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.