މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އަންނަ އަހަރު އާމްދަނީގެ ގޮތުގައި އަށް މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައިވާ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަނަށް އާމްދަނީގެ ގޮތުގައި 8.2 މިލިއަން ރުފިޔާގެ ލިބޭއިރު، އެއީ މިއަހަރު ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީއަށް ވުރެ ދެ މިލިއަން ރުފިޔާ އިތުރު މިންވަރެކެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ 2016 ވަނަ އަހަރުގެ އާމްދަނީ އަކީ ހަ މިލިއަން ރުފިޔާ އެވެ. މި އަހަރު ވެސް ހަ މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވާއިރު، އޭގެތެރެއިން 1.7 މިލިއަން ރުފިޔާއަކީ ރާއްޖެ ޓީވީ ޖޫރިމަނާކޮށްގެން ހޯދި ފައިސާ އެވެ. މީގެ އިތުރުން ޓީވީ މޯލްޑިވްސް 200،000 ރުފިޔާއިން އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މައްޗަށް ކުރެވޭ ހިޔާނާތާއި ވައްކަން ފަޅައިއަރުވާލި އަލްޖަޒީރާގެ ސްޓީލިން ޕެރަޑައިސް ޑޮކިއުމެންޓްރީ ރާއްޖޭގައި ދެއްކީތީވެ، މީޑިއާނެޓް 500،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކޮމިޝަންގެ އާމްދަނީގެ ގޮތުގައި ހިމެނޭނީ ލައިސަންސް ފީ އާއި ޖޫރިމަނާކޮށްގެން ލިބޭ ފައިސާ އެވެ.
އަންނަ އަހަރު މިނިވަން މުއައްސަސާތަކަށް ލިބޭ އާމްދަނީ އަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.
މިނިވަން މުއައްސަސާތަކުގެ އާމްދަނީ
ޖުޑީޝަލް ސާވިސް ކޮމިޝަން 9،723 ރ.
އިލެކްޝަންސް ކޮމިޝަން 362،828 ރ.
ސިވިލް ސާވިސް ކޮމިޝަން 19،470 ރ.
ހިއުމަން ރައިޓްސް ކޮމިޝަން 53،545 ރ.
އެންޓި ކޮރަޕްޝަންސް ކޮމިޝަން 66،110 ރ.
އޮޑިޓަރ ޖެނެރަލްގެ އޮފީސް 444،724 ރ.
ޕްރޮސިކިއުޓަރ ޖެނެރަލް އޮފިސް 131،985 ރ.
އެމްޕްލޯއިމެންޓް ޓްރައިބިއުނަލް 33،744 ރ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން 8،262،000 ރ.
އިމްފޮމޭޝަން ކޮމިޝަނަރުގެ އޮފީސް 1،000 ރ.
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން 36،000 ރ.
މިނިވަން މުއައްސަސާތަކުގެ އިތުރުން ވަކިވަކި ޝަރުއީ ކޯޓްތަކަށް އަންނަ އަހަރު ލިބޭ އާމްދަނީއަށް ވުރެ ވެސް ބްރޯޑްކާސްޓިން ކޮމިޝަންގެ އާމްދަނީ އިތުރެވެ.