ޒުވާނުންގެ ވާހަކަ ހަމަ އެކަނި ދެއްކެވީ ރައީސް ޢަބްދުﷲ ޔާމީން ކަމަށާއި އެޒުވާނުންނަށް ޓަކައި ދިވެހި ތާރީޚް ބަދަލު ކޮށްލާނެ ބިޔަ މަޝްރޫޢަކީ ހޮނިހިރު ދުވަހުގެރޭ ރައީސްގެ ދެކަނބަލުން ފަށްޓަވައިދެއްވި "ހިޔާ" މަޝްރޫޢު ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލެއަށް 80,000 މީހުން އެއްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވެހިކަމުގެ މަޝްރޫއު، "ހިޔާ" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޒުވާނުންގެ ވާހަކަ ދެއްކެވީ ރައީސް ޔާމީން ކަމަށާއި އެޒުވާނުންނާ އަޅާނުލައިފިނަމަ ޒުވާނުން ހިތުގައި ޖެހޭނެ ކަމުގެ ވާހަކަ އެމަނިކުފާނު ތަކުރާރުކޮށް ދެއްކެވި ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ތާރީޚް ބަދަލުކޮށްލާނެ މަޝްރޫޢަކީ ހިޔާ މަޝްރޫޢު ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މިމަޝްރޫޢު ގުޅިފައިވަނީ ޖަލްސާގައި ތިބި މީހުންގެ އިތުރުން ކޮންމެ ގެއެއްގެ ސިޓީންގ ރޫމްގައިވެސް "އިންނެވި އެންމެ ތުއްތު ކުއްޖާ" އާ ކަމަށެވެ.
"ރާއްޖޭގެ ތާރީޚް ބަދަލު ކޮށްލާނެ ބިޔަ މަޝްރޫޢަކީ މި މަޝްރޫޢު. މިމަޝްރޫޢު ހަމަ ހަޤީގަތުގައިވެސް ގުޅިފައިވަނީ މިތަނަށް ވަޑައިގެން ތިއްބެވި ބޭފުޅުންގެ އިތުރުން ކޮންމެ ގެއެއްގެ ސިޓިންގރޫމްގައި އިންނެވި އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ އިސް ރަށްވެއްސެއްގެ ހިތުގެ އެންމެ ހިމަ ނާރާ ކުޅެލާނޭ، ގުޅޭނޭ އަދި އިހްސާސްތަކާ ގުޅިފައިވާ އުއްމީދީ ޕްރޮޖެކްޓަކީ މިއީ" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ހިޔާ މަޝްރޫޢުގެ ދަށުން 25 ބުރީގެ 16 ޓަވަރު ބިނާވެގެން ދާނެ ކަމަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ މިކަން ހަޤީގަތަކަށް ހެއްދެވުމަށްޓަކައި ރައީސް ޔާމީން ވަރަށް ގިނަ މަސައްކަތް ކުރެއްވި ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، އެ މަޝްރޫއަކީ އުއްމީދާ ގުޅިފައިވާ މަޝްރޫއެއް ކަމަށާއި، އަދި ހަމަ އެހެންމެ ފަނާ ކުރުމާވެސް ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ.
ސައީދު ވިދާޅުވީ އެކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އިދިކޮޅު ފަރާތްތަކުން އެ މަޝްރޫއު ކާމިޔާބު ވިޔަ ނުދިނުމަށް ކުރި މަސައްކަތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއަށް ބޭނުންވާ ތަކެއްޗާއި ފައިސާ ލިބުނަ ނުދިނުމަށްޓަކައި އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިހާއަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރީ، ގެދޮރުވެރިކަމުގެ މަޝްރޫއު ކާމިޔާބު ވެއްޖެ ނަމަ އިދިކޮޅު ފަރާތްތަކުން އެމީހުންގެ އުއްމީދުތަކާ އަލްވަދާއު ކިޔަންޖެހޭނެކަން އެމީހުން ގަބޫލުކުރާތީ ކަމަށް ސައީދު ވިދާޅުވި އެވެ.
"އެއީ އެ ބޭފުޅުންނަށް ޔަގީންވާ ކަމަކީ، ރައީސުލްޖުމްހޫރިއްޔާގެ ގެދޮރުވެރިކަމުގެ ހިޔާ މިތަނަށް އައިސްފި ކަމުގައި ވަންޏާ، ދެން ސިޔާސީ ގޮތުން އެ ބޭފުޅުންގެ އުންމީދުތަކަށް ޓާޓާ ކިޔަންޖެހޭނެ ކަން. ނުވަތަ އަލްވަދާއު ކިޔަންޖެހޭނެކަން،" މިނިސްޓަރު ވިދާޅުވި އެވެ.