މި ސަރުކާރުން ބޭރުގެ ކުންފުނިތަކާ ހަވާލުކުރި ހައުސިން މަޝްރޫއުތަކަށް އެ ކުންފުނިތަކުގެ ޝައުގުވެރިކަން ގެއްލިގެން ދިޔައީ، އަދި އެހެން މަޝްރޫއުތަކަށް ބޮޑެތި އިންވެސްޓަރުން އައިސްފައިނުވަނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ދޭއްގައި ބިނާކުރާ ބޯހިޔާވެހިކަމުގެ މަޝްރޫއު އިފްތިތާހުކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިޔާތުގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް ބޮޑެތި އިންވެސްޓަރުން އައުމަށް ނިންމުމަށް ފަހު އިންވެސްޓްކުރަން ދެކޮޅު ހެދީ ސަރުކާރާއެކު ހަދާ އެއްބަސްވުންތަކާމެދު އިތުބާރު ނުކުރެވިގެން ނޫން ކަމަށެވެ.
މި ސަރުކާރުން ކުރިން އިއުލާންކުރި ހައުސިން ޕްރޮޖެކްޓްތައް ފެއިލްވެފައިވަނީ އިދިކޮޅު މީހުން ރާއްޖެއާ މެދު ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށް އެމަނިކުފާނު ތުހްމަތު ކުރެއްވި އެވެ. ހައުސިން ޔުނިޓްތައް އެޅުމަށް ބޭރުގެ އެކި ކުންފުނިތަކުން މައުލޫމާތު ސާފުކޮށް ބެލީ އެމީހުންގެ އަތުގައި ފައިސާވެސް ހުރެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ހައުސިން ޔުނިޓްތައް 2018 ވަނަ އަހަރު ނިންމާ ގޮތަށް 15،000 ހައުސިން ޔުނިޓް އިމާރާތްކުރަން ބޭރުގެ ފަސް ކުންފުންޏަކާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. މި ހައުސިން ޔުނިޓްތައް ހެދުމަށް ހަވާލުކުރީ ޗައިނާ، ސްރީ ލަންކާ އަދި ތުރުކީގެ ކުންފުނިތަކަކާ އެވެ. އަދި ރާއްޖޭގެ ދެ ކުންފުންޏަކާއި ދުބާއީ ކުންފުންޏެއް ގުޅިގެން އުފެއްދި ކުންފުންޏަކަށް، ހުޅުމާލޭގައި ތިން ހާސް ފްލެޓް އެޅުމަށް ވެސް 2014 ވަނަ އަހަރު ހަވާލުކުރި އެވެ. ނަމަވެސް މިއިން އެއްވެސް މަޝްރޫއެއް ހަގީގަތަކަށް ނުވި އެވެ.
ފ. އަތޮޅުގެ ބައެއް ސައުދީ އަރަބިއްޔާ އަށް ވިއްކާލުމަށް ނިންމާފައި އޮތް ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް އެ މަޝްރޫއުއާ ދެކޮޅަށް ގިނަ ބަޔަކު ތެދުވުމުން ސައުދީން މަޝްރޫއު ދޫކޮށްލި އެވެ. އެކަމުގެ ބަދުނާމު ވެސް ރައީސް ޔާމީން އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގަ އެވެ.
ރާއްޖެއަށް ފަތުރުވެރިން އައުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާކަމަށް ތުހްމަތު ކުރެއްވި ނަމަވެސް، ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވަމުން އަންނަ ކަމަށް ވެސް ހަަމަ އެ މަނިކުފާނު ފާހަގަ ކުރެއްވެވި އެވެ.
އިފްތިތާހް ކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ދިވެހި ކުންފުނިތަކާ އަދި ރާއްޖޭން ބޭރުގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ބޯހިޔާވަހިކަން ހޯދައިދޭން މަސައްކތްކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި އަލަށް ބިނާކުރާނީ 36 ޓަވަރު ކަމަށް މިނިސްޓަރުން ވިދާޅުވިއިރު، ރައީސް ޔާމީން ވިދާޅުވީ 64 ޓަވަރު ބިނާ ކުރާ ކަމަށެވެ. އަދި ބިނާކުރަނީ 62 ޓަވަރު ކަމަށް ވެސް ބައެއް ފަހަރު އެ މަނިކުފާނު ވިދާޅުވި އެވެ.
ސާދަ ބުރިއަށް ބިނާކުރާ މި ޓަވަރުތަކުގެ ބައެއް 2019 ވަނަ އަހަރު ނިމޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެ މަނިކުފާނު ރައްޔިތުންނަށް ކޮށްދެއްވާ ކަންކަމުގެ ބަދަލުގައި ރައްޔިތުން ކޮށްދެއްވީ ކޮން ކަމެއްތޯ ސުވާލު ކުރެއްވުމުން، ހާޒިރުވެ ތިބި މީހުންގެ ތެރެއިން ބައެއް މީހުން ގޮވާލީ ވޯޓް ކަމަށެވެ.
ނަމަވެސް ރައީސް ޔާމީން ވިދާޅުވީ ބަދަލުގައި ބޭނުންފުޅު ވަނީ ވޯޓް ނޫން ކަމަށާއި ހުޅުމާލެ ސާފުތާހިރުކޮށް ބާއްވައި ދިނުން ކަމަށެވެ.
ކުންފުނިތަކާ ހަވާލުކޮށްގެން ފްލެޓްތައް ބިނާކުރި ނަމަވެސް، ރައީސް ޔާމީން ވިދާޅުވީ އެ ތަންތަނުން ފްލެޓް ލިބޭނީ އެ ކުންފުނިތަކުގެ މުވައްޒަފުންނަށް އެކަނި ނޫން ކަމަށެވެ.
ބިޔަ މަޝްރޫއަށް ހިނގާނެ ހަރަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް މި މަޝްރޫއުގައި ބައިވެރިވާ ބޭރުގެ ދެ ކުންފުންޏަށް ބޭނުންވާ ފައިސާ ހަމަޖައްސާފައިވާ ކަމަށާއި ކުރީގެ މަޝްރޫއުތައް ފަދައިން މި މަޝްރޫއު ފެއިލްވެގެން ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިނިސްޓަރުންނާއި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި ދައުލަތާއި ސަރުކާރުގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާ ނިމުމުގެ ކުރިން، ގިނަ ބަޔަކު ޖަލްސާ ދޫކޮށް ދިޔަ މަންޒަރު ފެނިގެން ދިޔަ އެވެ.