ހުޅުމާލެއަށް 80,000 މީހުން އެއްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވެހިކަމުގެ މަޝްރޫއު، "ހިޔާ" ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިފްތިތާހުކޮށްދެއްވައިފި އެވެ.
ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން ފަށާ "ހިޔާ" މަޝްރޫއު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ހުޅުމާލެ "ފޭސް 2" ގައި ބޭއްވި ރަސްމިޔަތުގަ އެވެ.
ރައީސް އޮފީހުން ހާމަކުރާ ގޮތުގައި ހިޔާ މަޝްރޫޢު ނިމިގެން ދާއިރު ޖުމްލަ 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތްކުރެވޭނެއެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން މި ރަސްމިއްޔާތުގައި ވިދާޅުވީ 62 ޓަވަރު ހިމެނޭނެ ކަމަށެވެ. މި ޔުނިޓްތަކުގެ ތެރޭގައި އެއް ކޮޓަރި އާއި، ދެ ކޮޓަރި އާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މި މަޝްރޫޢުގައި ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ ބައެއް އޮފީސްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ހިޔާ މަޝްރޫޢަކީ މިހާރު ހުޅުމާލެ ފޭސް 2 ގައި އަމަލީ މަސައްކަތް ފެށިފައިވާ 7،000 ސޯޝަލް ހައުސިންގ އަދި 1،530 "މިޑް ޓު ހައިރޭންޖް" ހައުސިންގެ އިތުރުން އަލަށް އެޅުމަށް ހަމަޖެހިފައިވާ ޔުނިޓްތަކެއް ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރެއެވެ.
ހިޔާ މަޝްރޫޢު ނިމިގެން ދާއިރު ޖުމްލަ 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތްކުރާ އިރު، އެ ޔުނިޓްތަކުގައި އަށްޑިހަ ހާސް މީހުން ދިރިއުޅޭކަމުގައިވާ ނަމަ ފްލެޓެއްގައި ޖުމްލަ 8 މީހުން ދިރިއުޅެންޖެހޭނެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި މަޝްރޫއަކީ އެންމެ އެކަށީގެންވާ މިންވަރަށް ދިރާސާކުރުމަށް ފަހު ކުރިއަށްގެންދާ މަޝްރޫއެއް ނޫނެވެ. އަދި މި މަޝްރޫއުގެ ދަށުން ބޯހިޔާވެރިކަމުގެ މައްސަލައަށް ހަލެއް ލިބުމުގެ ބަދަލުގައި އަނެއްކާ ވެސް އެތަށް ބަޔަކު އެއްތަނަކަށް ތޮށްޖެހިގެންދާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
ރައީސް ވިދާޅުވީ މި ހައުސިން ޔުނިޓްތައް އެޅުމަށްޓަކައި ބޭނުންވާ ފައިސާ ވެސް ކުންފުނިތަކަށް ހަމަޖެހިފައި ހުންނާނެ ކަމަށާއި ސޮވެރިން ގެރެންޓީން އެކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން މި މަޝްރޫއަށް ހުއްޓުމެއް ނާންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.