ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 19:51
ދެކުނު އެފްރިކާގެ ރައީސް ޒޫމާ
ދެކުނު އެފްރިކާގެ ރައީސް ޒޫމާ
ގޫގުލް
ޒިމްބާބްވޭގެ މަސްރަހު
އެފްރިކާ ބައްރު އޮތީ ޒިމްބާބްވޭގެ ރައްޔިތުންނަށް ތާއިދުކުރަން ތައްޔާރަށް: ދެކުނު އެފްރިކާގެ ރައީސް
މުގާބޭގެ އިސްތިއުފާ އަށް ގޮވާލައި ވެރިރަށް ހަރާރޭގެ މަގުތަކަށް އެތައް ބަޔަކު ހޮނިހިރު ދުވަހު ނިކުމެ ވަނީ މުޒާހަރާ ކޮށްފައި

އެފްރިކާ ބައްރު އޮތީ ޒިމްބާބްވޭގެ "ރައްޔިތުންނަށް ތާއިދުކުރަން" ތައްޔާރަށް ކަމަށް ދެކުނު އެފްރިކާ ރައީސް ޖޭކޮބް ޒޫމާ ވިދާޅުވެއްޖެއެވެ.

ރައީސް ޒޫމާ މިހެން ވިދާޅުވީ ދެކުނު އެފްރިކާގެ ސިޓީއެއް ކަމަށްވާ ޑާބަންގައި ވާހަކަ ދައްކަވަމުން ކަމަށް ރޮއިޓާސް އިން ބުނެއެވެ. ޒިމްބާބްވޭގެ ބައެއް ރައްޔިތުން ބުނަމުން ދަނީ ރައީސް ޒޫމާ މަސައްކަތް ކުރައްވަނީ ވެރިކަމުގައި، ޒިމްބާބްވޭގެ ރައީސް ރޮބާރޓް މުގާބޭ ބަހައްޓަވަން ކަމަށެވެ.

ރައީސް މުގާބޭގެ އިސްތިއުފާ އަށް ގޮވާލާ ހޮނިހިރު ދުވަހު ވެރިރަށް ހަރާރޭގެ މަގުތަކަށް އެތައް ބަޔަކު ނިކުމެ ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.  

ޒިމްބާބުވޭގެ މިނިވަން ކަމަށް ހަނގުރާމަކުރި ކުރީގެ ސިފައިންގެ ތެރެއިން މިދިޔަ އަހަރާ ހަމައަށް މުގާބޭއަށް ވަފާތެރިކަންމަތީ ތިބި ސިފައިން ވެސް ގެންދަނީ މުގާބޭ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ބުނަމުންނެވެ.

މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ދަނީ އަސްކަރިއްޔާއިން ސުލްހަވެރި ގޮތަކަށް މައްސަލައިގެ ތެރެއަށް ވަދެފައި ވާތީ ޝުކުރު އަދާކުރާ ކަމަށް ގޮވަމުންނެވެ. ވެރިކަންކުރާ ޒަނޫ ޕީއެފް ޕާޓީގެ 10 ގޮފީގެ ތެރެއިން މަދުވެގެން އަށް ގޮތްޕަކުން ހުކުރު ދުވަހު ވަނީ މުގާބޭ ރައީސްކަމުގެ މަގާމުންނާއި ޕާޓީގެ ސެކްރެޓަރީގެ މަގާމުން އިސްތިއުފާދެއްވުމަށް ގޮވާލާފައެވެ.

ޒިމްބާބްވޭގެ އަސްކަރިއްޔާގެ އަތްދަށަށް ގައުމު ގެނެސްފައިވާއިރު އަސްކަރިއްޔާ އިން ތަކުރާރުކޮށް ބުނަމުން ދަނީ ގައުމަށް ގެނެސްފައި ވަނީ "ބަޣާވާތެއް" ނޫން ކަމަށެވެ.

އަސްކަރިއްޔާ އިން ބުނެފައި ވަނީ މުގާބޭއާ ދެކޮޅު ހަރަކާތެއް ނުހިންގާ ކަމަށާއި އަސްކަރިއްޔާއިން މަސައްކަތްކުރަނީ މުގާބޭގެ އަރިހުގައި ތިބި މުޖުރިމުން ހައްޔަރުކުރުމަށް ކަމަށެވެ.

ޒިމްބާބްވޭގައި 1980 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަނީ މުގާބޭ އެވެ. ރައީސް މުގާބޭގެ 37 އަހަރުވީ ޚުދުމުޚުތާރު ވެރިކަމަށް ލޮޅުން އަރާ ފަދަ ހާލަތަކަށް އެގައުމުގެ ކަންކަން ގޮސްފައި މިވަނީ ނައިބު ރައީސް ކަމުގައި ހުންނެވި އެމަސަން ނަންގަގްވާ މިމަހުގެ ހަވަނަ ދުވަހު މަގާމުން ދުރުކުރައްވާފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް