ހދ. ކުޅުދުއްފުށީ އެއާޕޯޓް އަޅާ ސަރަހައްދުގެ ބިން ހިއްކަމުންދާ އެމްޓީސީސީގެ މަހާ ޖައްރާފުގެ ބުރަފަތީގައި ވަލެއް އޮޅި، މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އަލުން މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން ބުނީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މަހާ ޖައްރާފުގެ މަސައްކަތް މެދުކެނޑުނީ، ބުރަފަތީގައި ވަލެއް އޮޅުމުން ކަމަށެވެ. ނަމަވެސް މަހާ ޖައްރާފުގެ މަސައްކަތް އަލުން ހޮނިހިރުދުވަހު ފަށާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަހާ ޖައްރާފުގެ ބުރަފަތީގައި އޮޅުނީ އެމްޓީސީސީގެ ބާޖެއްގެ ވަލެކެވެ. މަސައްކަތް އަލުން ފަށާފައިވާއިރު އިތުރު އެއްވެސް ޓެކްނިކަލް މައްސަލައެއް ދިމާވެފައިނުވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މަހާޖައްރާފަކީ ގާތްގަނޑަކަށް 50 މީޓަރު އަޑިން އެއްފަހަރާ 3700 ކުއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލްކަން ލިބިގެންވާ، 92.95 މީޓަރު ދިގު، 16.30 މީޓަރ ފުޅާ ޑްރެޖަރެކެވެ. އެމްޓީސީސީން 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވަ ޑްރެޖަރު ބަނދެފައި ވަނީ ނެދަލޭންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ
އެއާޕޯޓް އެޅުމަށް ކުޅުދުއްފުށީ ކުޅި ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި މަހު 12 ދުވަހުއެވެ.