ޓެބްލެޓަކީ މީހުންނާއި މުއާމަލާތްކުރަން ނޭނގޭ ކުދިންނަށް ކަމުދާ އެއްޗެއް ނޫން ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އެފިސަރ، ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެ އެވެ.
ޑރ. ނިޔާފް މި ގޮތަށް ވިދާޅުވީ، ސްކޫލްތަކަށް ޓެބްލެޓް ތައާރަފްކުރުމަކީ ކުޑަކުދިންނަށް ކޮންކަހަލަ ކަމެއްތޯ ޓްވިޓަރގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޑރ. ނިޔާފް ވިދާޅުވީ، ޓީވީ، ފޯނު، ޓެބްލެޓް ފަދަ ތަކެއްޗަކީ ވާހަކަދައްކަން، އަދި އިޖްތިމާއީ ގޮތުން މީހުންނާ މުއާމަލާތް ކުރަން ނޭނގޭ ކުދިންނަށް ކަމުދާ ތަކެތި ނޫން ކަމަށާއި، އެއައްވުރެ ބޮޑެތިކުދިންނަށް ކިޔަވާދިނުމުގައި "ހެޔޮކޮށް ޓެބްލެޓް ބޭނުން ކުރެވިދާނެ" ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ޓީވީ، ފޯނު، ޓެބްލެޓް ފަދަ ތަކެއްޗަކީ ވާހަކަދައްކަން، އަދި އިޖްތިމާއީ ގޮތުން މީހުންނާ މުއާމަލާތް ކުރަން ނޭނގޭ ކުދިންނަށް ކަމުދާ ތަކެއްޗެއްނޫން. އެއައްވުރެ ބޮޑެތިކުދިންނަށް ކިޔަވާދިނުމުގަ ހެޔޮކޮށް ޓެބްލެޓް ބޭނުން ކުރެވިދާނެ ކަމަށް ދެކެން.
— Abdulla Niyaf (@niyaf) November 16, 2017
2018 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައެޅި ބަޖެޓުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ ހުރިހާ ސުކޫލެއް ޑިޖިޓިލައިޒްކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ސުކޫލުތައް ޑިޖިޓިލައިޒް ކުރުމުން ބޮޑެތި ފޮތް ދަބަހުގެ ބަދަލުގައި ސުކޫލަށް ގެންދަން ޖެހޭނީ ޓެބްލެޓެއް އެކަނިކަމަށް ސަރުކާރުން ހާމަކުރެ އެވެ. ސަރުކާރުގެ އެ ނިންމުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެގެންގޮސްފަ އެވެ. މި ފައިސާ ބަޖެޓްގައި ހިމެނި އިރު އަންނަ އަހަރަށް ބޭނުންވާ ގިނަ ޓެކްސްޓް ފޮތްތައް މިހާރު ވަނީ ދަރިވަރުންނާ ހަވާލުކޮށްފައެވެ.