ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ކުރަމުންދިޔަ ތަހުޤީޤަކަށް ފުލުހުންގެ ބަޔަކު ހުރަސްއަޅައި، އިންޓަގްރިޓީ ކޮމިޝަންގެ މުވައްޒަފުންގެ ތަހުޤީޤް ހުއްޓުވައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުވަދު އަތޮޅުގައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ގއ. ވިލިގިލީގައި ހުންނަ ފުލުހުންގެ މަރުކަޒުގައި ކުށުގެ ތުހުމަތުގައި ބަންދުކުރާ ފަރާތްތައް ބަންދުކުރާ ގޮޅީގެ ޙާލަތު ބެލުމަށް އެންއައިސީގެ ތަހުޤީޤް ޓީމަކުން ޒިޔާރަތްކުރިއެވެ. އަދި އެންއައިސީގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން އެތަނުގެ ފޮޓޯ ނަގަން ބޭނުން ކަމަށް އެންގުމުން، ލިޔުމުން އެކަމަށް އެދުމަށް ވިލިގިލީ ފުލުހުން އެންގި ކަމަށް ވެއެވެ. އަދި ޤާނޫނުން ބާރު ލިބުނު ނަމަވެސް، އެއްބާރުލުން ދިނުމުގެ ގޮތުން އެންއައިސީން ވަގުތުން ސިޓީއެއް ފޮނުވި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެތަނުގެ ފޮޓޯ ނެގުމަށް ފަހު އެންއައިސީގެ ތަހުޤީޤް ޓީމް ގއ. މާމެންދޫއަށް ގޮސް ތިއްބައި، ވިލިގިލިން ފުލުހުންގެ ބަޔަކު މާމެންދޫއަށް އަރައި، އެންއައިސީގެ މުވައްޒަފުން ލައްވައި، އެމީހުން ނެގި ފޮޓޯތައް ޑިލީޓްކުރުވިއެވެ. އަދި މީހުން ބަންދުކުރާ ގޮޅީގެ ފޮޓޯ ނަގަން ހުއްދަ ދެވުނީ އޮޅިގެން ކަމަށް އެންއައިސީއަށް އެންގި ކަމަށް ފުލުހުން ބުނި ކަމަށް ވެއެވެ.
އެންއައިސީން ބަލަމުންދާ މައްސަލަތަކަށް ފުލުހުންގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، އެކޮމިޝަންގެ ރައީސް ޔޫސުފް މާނިއު ހޮނިހިރު ދުވަހު ވަނީ ޓްވީޓްކުރައްވާފައެވެ. އަދި މިކަމާ ބެހޭ ގޮތުން ރާއްޖެއެމްވީއިން ސުވާލު ދެންނެވުމުން މާނިއު ވިދާޅުވީ އެފަދަ ޙާދިސާއެއް ހިނގާފައިވާ ކަމަށާއި، އެފަދަ ޙާދިސާތައް ހިނގުން އާއްމު ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން އެންއައިސީއަށް ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. މާނިއު ވިދާޅުވީ އެންއައިސީއިން މަސައްކަތްކުރާނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޤާނޫނުން ލިބިދީފައިވާ ބާރުގެ ތެރޭގައި، ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ކަމަށެވެ.
މާނިއު ކުރެއްވި ޓްވީޓްގައި ވިދާޅުވީ "ޑިޕްލޮމެސީގެ ވަގުތު ހަމަވެއްޖެ"ކަމަށާއި، "އެންއައިސީގެ މަސައްކަތްތަކަށް ހުރަސްއަޅާ ފުލުހުންގެ އިސްވެރިންގެ މައްޗަށް ވެސް އެންއައިސީގެ ޤާނޫނުގެ ފުރިހަމަ ބާރު ހިނގާނެ" ކަމަށެވެ.
Time for diplomacy is over those even in @PoliceMv leadership who obstruct our investigations will face the full legal power of NIC. We will succeed in protecting INNOCENT civilians and police officers as well. Allah Bless.
— Maaniu (@yoosufmaaniu) November 18, 2017
މީގެ އިތުރުން މާނިއު ވިދާޅުވީ ކޮމިޝަންގެ މަސައްކަތްތަކަށް ހުރަސް އަޅާ ފަރާތްތަކުގެ މައުލޫމާތު އެއްކުރަމުންދާ ކަމަށާއި، އެކޮމިޝަންގެ ޤާނޫނީ ޒިންމާއަށް ހުރަސްއަޅާ ފަރާތްތަކާ މެދު ޤާނޫނުގެ ބާރު ބޭނުންކޮށްގެން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޤާނޫނުން ލިބިދޭ ބާރުގެ ދަށުން އެކޮމިޝަންގެ މަސައްކަތްތަކަށް ހުރަސް އަޅާ ފަރާތްތައް 500ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ފެށުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާ އެކު މަޝްވަރާކުރަމުންދާ ކަމަށާއި، މިމަސްތެރޭގައި އެކަން ފެށިގެންދާނެ ކަމަށް މާނިއު ވިދާޅުވިއެވެ. އެންއައިސީގެ މަސައްކަތްތަކަށް ހުރަސް އަޅައިފި ފަރާތެއްގެ މައްޗަށް ޤާނޫނުލް އުޤޫބާތުގެ 533، 534 އަދި 535ވަނަ މާއްދާތަކުގެ ދަށުން ދައުވާކުރެވޭނެއެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޤާނޫނަށް އަމަލުރަން ފެށީ ސެޕްޓެމްބަރު 6، 2015 ގައެވެ. އެކޮމިޝަނަކީ ފުލުހުންނާއި، ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރެކްޝަނަލް ސަރވިސްގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނެކެވެ.