ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި ތަރައްގީގެ ޕްރޮޖެޓްތައް ހިންގަން ދަތ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރ މުނައްވަރު އެގޮތަށް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅިގެން، ބަޖެޓް ދިރާސާކުރާ ކޮމެޓީއަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ ބަޖެޓަށް ވޯޓް ދެއްވުމަކީ ކޮންމެހެން ކުރައްވަންޖެހޭ ކަމެއް ކަމަށާއި އެހެންކަމުން ބަޖެޓަށް ވޯޓް ނުދެއްވާ މެމްބަރުން ނިސްބަތްވާ ދާއިރާތަކަށް ޕްރޮޖެކްޓް ނުހިންގޭނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ މެމްބަރުންގެ ތެރެއިން ބަޖެޓަށް ވޯޓް ދެއްވާ މެމްބަރުން ނިސްބަތްވާ ދާއިރާތަކަށް ޕްރޮޖެކްޓްތައް ހިންގަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު މުނައްވަރު ވިދާޅުވީ ކޮންމެ މެމްބަރަކު ވެސް ދާއިރާއަށް ބޭނުންވާ ކަންކަން ބަޖެޓްގެ ތެރެއިން ކުރަން ބޭނުންވާ ކަމަށާއި ނަމަވެސް ދައުލަތުގެ ދަރަނިވެސް އިތުރުވަމުންދާތީ މެމްބަރުން ވަރަށް ބޮޑަށް ކަންބޮޑުވެލައްވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއީ ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫން ކަމާއި ޚަރަދު ކުރާނަމަ ޚަރަދު ކުރަން ބޭނުންވާ ފައިސާ ވަންނާނެ ކޮޅެއް ވެސް އޮންނަށް ޖެހޭ ކަމަށެވެ.
މިނިސްޓަރު މުނައްވަރު ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީގެ ހުރިހާ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ވަރަށް ދައުލަތަށް އާމްދަނީ ލިބެމުންނުދާ ކަމަށެވެ. އެހެންކަމުން ޕްރޮޖެކްޓްތައް ހިންގަންޖެހެނީ ލޯނު ނަގައިގެން ކަމަށާއި ލޯނު ނެގުމަކީ ދަރަނި އިތުރުވެގެންދާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން ބަޖެޓަށް ވޯޓް ނުދެއްވާ ވާހަކަ އަބަދުވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި ސަރުކާރުގެ މިނިސްޓަރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ބަޖެޓަށް ވޯޓް ނުދެއްވާ މެމްބަރުން ދާއިރާގައި ޕްރޮޖެކްޓްތައް ނުހިންގާ ވާހަކަ ދެއްކުމުގެ ފުރުސަތު ނެތްކަމަށް ވެސް ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ނަމަވެސް ގާނޫނުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގައި ދައްކަވާ ވާހަކައަކާއި ނުވަތަ ވޯޓު ދެއްވާ ގޮތަކާއި ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.