މިހާރުވެސް ސަރުކާރުން 144 ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނުގެ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްވަަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާ ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގާތްގަނޑަކަށް 19000 އެނދު ތަރައްގީ ކުުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. މީގެ އިންވެސްޓްމެންޓް ވެލިއު އުޅެނީ 6.5 ބިލިއަން އެމެރިކާ ޑޮލަރުގައި ކަަމަށާއި ދިވެހި ފައިސާ އިން ބަލާނަމަ މިއީ ގާތްގަނޑަކަށް 100 ބިލިއަން ރުފިޔާ ކަމަށެވެ.
"މިއީ ދިވެހި ރާއްޖޭގެ ތާރީހު އެއްކޮޅުން އަނެއްކޮޅަށް ޖެހި ނަމަވެސް ފެންނާނެ އަދަދެއް ނޫން. އެއްކޮޅުން އަނެއްކޮޅަށް ދިރާސާ ކުރި ނަމަވެސް މި ހަތަރު އަހަރާ އަޅައެއް ނުކިޔޭނެ. މީގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއަށް 1000 ޕަސެންޓްގެ ކުރިއެރުމެއް ވަނީ އައިސްފައި. އެގޮތުން ބޮޑު ހިލައިގެ ގޮތުގައި ރާއްޖެއަށް އެތެރެ ކުރެވުނު މިންވަރު 600 މެޓްރިކް ޓަނުން 2 މިލިއަން މެޓްރިކް ޓަނަށް ވަނީ ބަދަލު ކުރެވިފަ." ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ތިން އަހަރުގެ ތެރޭގައި ހަ ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން އައިލެންޑް އޭވިއޭޝަނުން އުފުލަދީފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ 13 އަހަރުގެ ތެރޭގައިވެސް ލިބިފައިވާ ކުރިއެރުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ރައީސް ޔާމީންގެ ސަރުކާރުން މިކޮށްދިން މަސައްކަތްތަކަށް ހަމްދުނުކޮށް ދެން ހަމްދު ކުރަންވީ ކޮން ވަގުތެއްގައި ތޯ ވިދާޅުވެ ސުވާލު އުފައްދަވައިފައެވެ.