އިސްލާމިކް ސްޓޭޓްގެ ބާރުގެ ދަށުގައި އޮތް އިރާޤުގެ އެންމެ ފަހު އަވަށްކަމަށްވާ ރަވާ އިރާޤް އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.
އިސްލާމިކް ސްޓޭޓްއާއި ދެކޮޅަށް އިރާޤް އަސްކަރިއްޔާއިން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ވަރުގަދަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. ބޮޑުވަޒީރު ހައިދަރު އަލް އާބާދީ ވިދާޅުވީ އިރާޤް އަސްކަރިއްޔާގެ ބާރުގެ ދަށަށް ރަވާ ގެންދެވުނީ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ކަމަށެވެ. މިދިޔަ ހަފްތާގައި އިރާޤްގެ އަލްޤާއިމް އަވަށްވެސް އެޤައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު، މިހާރު އިސްލާމިކް ސްޓޭޓްގެ ބާރުގެ ދަށުގައި ބޮޑު އެއްވެސް އަވަށެއް ނެތްކަމަށް އިރާޤްގެ އަސްކަރިއްޔާއިން ބުނެއެވެ. އަދި ރަވާ އަވަށް ހިފުމާއިއެކު، ހަނގުރާމަވެރިން މިހާރު ފިލަން ސަހަރާތެރެއަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރަވާ ހިފުމަށް ފަހު އިރާޤްގެ ސަލާމަތީ ބާރުތަކުން މިހާރު މަސައްކަތް ކުރަމުންދަނީ ސޫރިޔާއާއި އިރާޤު ގުޅޭ ސަރަހައްދީ އިމުގެ ފުރިހަމަ ކޮންޓްރޯލް ނެގުމަށެވެ. ރަވާއަކީ ދެޤައުމުގެ ސަރަހައްދީ އިމުގައި އޮންނަ، އަދި އިސްލާމިކް ސްޓޭޓުން އެކުލަވާލި ފުރާތު ޕްރޮވިންސްގެ ރަށެކެވެ.
އިސްލާމިކް ސްޓޭޓުން ހިފި އިރާޤުގެ ސަރަހައްދުތަކުގެ 95 އިންސައްތަ ސަރަހައްދުތަކުން ހަނގުރާމަވެރިން މިހާރު ފައްސާލެވިފައިވާ ކަމަށް އިރާޤް ސަރުކާރުން ބުނެއެވެ. އުފެދިގެން އައި އިރު ބާރުގަދަ ޓެރަރިސްޓް ޖަމާޢާތެއްގެ ގޮތުގައި އޮތް އިސްލާމިކް ސްޓޭޓް ޖަމާޢަތް މިހާރުވަނީ ސޫރިޔާއާއި އިރާޤުގައި އެއްކޮށް ބަލިކަށިވެފައެވެ.