ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 09:53
ހަރީރީ ސައުދީން ފުރާވަޑައިގެންފައިވަނީ އަނބިކަނބަލުންނާއެކު އަމިއްލަފުޅު ޖެޓުގައި
ހަރީރީ ސައުދީން ފުރާވަޑައިގެންފައިވަނީ އަނބިކަނބަލުންނާއެކު އަމިއްލަފުޅު ޖެޓުގައި
އީޕީއޭ
ހަރީރީގެ އިސްތިއުފާ
ސައުދުލް ހަރީރީ ސައުދީ އަރަބިއްޔާއިން ފުރާ ވަޑައިގެންފި
ހަރީރީ އިސްތިއުފާ ދެއްވީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު
ހިޒްބުﷲއިން ތުހުމަތުކުރާގޮތުގައި ހަރީރީ ހުންނެވީ ބަންދެއްގައި
ފްރާންސުން ގެންދަނީ މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މަސައްކަތްކުރަމުން

ލުބުނާނުގެ ބޮޑުވަޒީރު ސައުދުލް ހަރީރީ ފަރަންސޭސިވިލާތަށް ވަޑައިގަތުމަށް ސައުދީ އަރަބިއްޔާއިން ފުރާވަޑައިގެންފި ކަމަށް އެމަނިކުފާނުގެ އާއިލާގެ އަމިއްލަ ޓީވީ ޗެނަލަކުން ބުނެފިއެވެ.

ސައުދީގައި ހަރީރީ ހުންނެވީ ގޭބަންދުގައި ކަމަށް ބުނާ ވާހަކަ މީގެ ކުރިން ހަރީރީ ވަނީ ދޮގުކުރައްވާފައެވެ

ލުބުނާނުގެ ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވިކަން ހަރީރީ އިއުލާނު ކުރައްވާފައިވަނީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި ހުންނަވައިގެންނެވެ. ލުބުނާނުގެ ރައީސް އަދި ސަރުކާރުން ހަރީރީގެ އިސްތިއުފާ ގަބޫލުކުރައްވާފައެއް ނުވެއެވެ.

ސައުދީގައި ހަރީރީ ހުންނެވީ އަމިއްލަފުޅު އިޚްތިޔާރުގައި ނޫން ކަމަށް ޖަރުމަނުގެ ޚާރިޖީ ވަޒީރު ވިދާޅުވުމުން ސައުދީން ވަނީ ޖަރުމަނުގައި ހުންނަވާ ސައުދީގެ ސަފީރު އަނބުރާ ގެންދަވާފައެވެ.

ސިގްމާ ގެބްރިއެލް އެފަދައިން ވިދާޅުވެފައިވަނީ ލުބުނާނުގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ސައުދީގެ ސްޓޭޓް ނިއުސް އޭޖެންސީ އެސްޕީއޭއިން އާއްމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން ޖަރުމަނުގައި ހުންނަވާ ސައުދީގެ ސަފީރު އަނބުރާ ގައުމަށް ގެންދިއުމުގެ އިތުރުން އެ ގައުމުގައި ހުންނަވާ ޖަރުމަނުގެ ސަފީރަށް ވަނީ އިހުތިޖާޖު ކުރާކަން ހާމަކޮށް ސިޓީއެއް ދީފައެވެ.

ހަރީރީ ސައުދީ އަރަބިއްޔާއިން ފުރާވަޑައިގެންފައިވަނީ އެ މަނިކުފާނުގެ އަމިއްލަފުޅު ޖެޓްގައި އަނބިކަނބަލުންނާއެކު ހޮނިހިރު ދުވަހުކަމަށް ފިއުޗަރ ޓީވީއިން ބުނެފައިވެއެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއާ ހަރީރީ ބައްދަލު ކުރައްވާނެ ކަމަށް ބެލެވޭއިރު ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ވަޑައިގެންނެވުމުގެ ކުރިން އަރަބި އެހެން ބައެއް ގައުމުތަކަށް ވަޑައިގެންފާނެކަމަށް ބެލެވެއެވެ.

ރައީސް މެކްރޮން ބުދަދުވަހުވަނީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާއަށް ގުޅުއްވައި ހަރީރީއާއި އެމަނިކުފާނުގެ އައިލާ ފްރާންސަށް ވަޑައިގެންނެވުމަށް ދައުވަތުއަރުވާފައެވެ.

އޭގެ ފަހުން މެކްރޮންވަނީ ހަރީރީ ހުންނެވި ސިޔާސީ ގޮތުން އަރުވާލެއްވިގެން ނޫންކަން ކަށަވަރުކުރެއްވުމަށް މަސައްކަތްކުރައްވާފައެވެ. އަދި ހަރީރީ ކުޑަ ދުވަސްކޮޅަކު އެ ގައުމުގައި މަޑުކޮށްދެއްވުމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ލުބުނާނަކީ ކުރިން ފްރާންސްގެ އަޅުވެތިކަމުގައި އޮތް ގައުމެކެވެ. ފްރާންސުން ގެންދަނީ މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މަސައްކަތް ކުރަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް