ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާނަމަ ސިޔާސީ ފިކުރު ދޫކޮށްލަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ގައުމީ ޓީމުތަކުން ތަކުރާރުކޮށް ދަށް ނަތީޖާތަކެއް ހޯދަމުން އަންނަ ދަނޑިވަޅެއްގައި ގިނަ ބަޔަކު ބުނަމުން ދަނީ ދިވެހި ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ނުފޫޒު އެތަކެއް ގޮތަކުން ފޯރަމުންދާ ކަމަށެވެ. އެގޮތުން މަހުލޫފުގެ ފޭސްބުކް ޕެޖުގައި އޭނާ ވިދާޅުވީ 2014 ވަނަ އަހަރުގެ ޗެލެންޖް ކަޕުން ރާއްޖެއަށް ތިން ވަނަ ހޯދައިދިނުމަށް އެންމެން ވެސް މަސައްކަތް ކުރީ ސިޔާސީ ފިކުރު ދޫކޮށްލުމަށްފަހު ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ފުޓުބޯޅަ ކުރިއަރުވަން ބޭނުންވާނަމަ ސިޔާސީ ފިކުރުން އެއްކިބާވާން ޖެހޭކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.
ފީފާއިއަށް ސަރުކާރުން ދޫކޮށްފައިވާ ބިމެއްގައި އެފްއޭއެމްގެ ނަމުގައި ހަދާފައިވާ އިމާރާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހިމްގެ ކެމްޕޭން އޮފީހެއް ހިންގަމުން އަންނައިރު، އެކަމަށް އިޝަރާތް ކުރަށްވާ މަހުލޫފު ވިދާޅުވީ އެ އިމާރާތުގައި އެކަމަނާގެ ކެމްޕޭން އޮފީސް ހިންގެވި ކަމުގައިޔަސް ރާއްޖޭގެ ފުޓްބޯޅަ ކުރިނާރާނެ ކަމަށެވެ. އަދި އެފްއޭއެމްގެ އެކްސްކޯގައި މިވަގުތު ތިއްބެވީ ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރުން ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނު އަތުން 8-1 ގެ ލަދުވެތި ނަތީޖާއަކުން ރާއްޖެ ބަލިވި މެޗަށް އިޝާރާތް ކުރަށްވާ މަހުލޫފު ވިދާޅުވީ، ޗެލެންޖް ކަޕުގައި ފަލަސްތީނު ލަނޑެއްޖެހިޔަ ނުދީ ހިފެހެއްޓި ކަމަށާއި އެ މުބާރާތުގެ ތިން ވަނަ ލިބުމަކީ ރާއްޖެގޭ ފުޓްބޯޅައަށް ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށެވެ. އަދި އެއީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ލިބުމަށްވުރެ މާބޮޑު ކާމިޔާބެއް ކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.
އަމިއްލަ ގައުމުގައި ބޭއްވި ޗެލެންޖް ކަޕުގެ ތިން ވަނަ ރާއްޖޭގެ ގައުމީ ޓީމު ހޯދިއިރު މަހުލޫފު ހުންނެވީ ގައުމީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައެވެ.
ފަލަސްތީނަށް ލަނޑެއް ޖެހިޔަނުދީ ހިފެހެއްޓިތާ ތިން އަހަރު ފަހުން ރާއްޖޭގެ ޓީމު ކޮޅަށް ފަލަސްތީނުން ވަނީ އަށް ލަނޑު ޖަހާ ރާއްޖޭގެ ފުޓްބޯޅަ އޮތް ހިސާބުގެ ހަގީގީ ކުލަ އެންމެންނަށް ވެސް ދައްކާލާފައެވެ. މިއީ 2001 ވަނަ އަހަރުވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އަތުން 10-1 އިން ރާއްޖެ ބަލިވި ފަހުން ރާއްޖެ އެންމެ ބޮޑު ތަފާތަކުން ބަލިވި މެޗެވެ.
ގައުމީ ޓީމުގެ އިތުރުން ޒުވާން ޓީމުތަކުން ވެސް ބައިނަލްލަގުވާމީ ފެންވަރުގައި ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެފްއޭއެމްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނައިރު އެ އެސޯސިއޭޝަން އަދިވެސް އޮތީ ހިމޭނުންނެވެ.