މި ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި އެއްލައްކަ އާވަޒީފާ އުފެއްދިއްޖެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ މިއަހަރުގެ ނިޔަލަށް އެއް ލައްކަ އާވަޒީފާ އުފައްދަވާފައިވާއިރު މި ސަރުކާރުން ޒުވާނުންނަށް ފުރުސަތުތައް ތަނަވަސްކޮށްދީފައި އޮތުމަކީ އެންމެ އުފަލާއެކު ފާހަގަ ކުރާ ކަންތައް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އަންދާސާ ކުރާ ގޮތުން ވެއްޖެއްޔާ މި ހަތަރު އަހަރު ނިމިގެން ގޮސް މި އަންނަ އަހަރާ ހަމައަށް އަޅުގަނޑުމެން މި ފޯރީ، އެއް ލައްކަ އާ ވަޒީފާ އެކި ހިސާބުގައި އަޅުގަނޑުމެނަށް އުފެއްދިއްޖެ. އިހަކަށް ދުވަހު ބޮޑު ތިލަދުންމަތީގައި، ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫއު އަޅުގަނޑުމެން ފެއްޓީ، އޭރު އަޅުގަނޑުމެން އިއުލާންކުރިން އެ ސަރައްދުގައި 14000 ވަޒީފާ އިތުރުވެގެންދާނެ ކަމަށް. އެއީ އެތަނުގައި ރިޒޯޓްތައް ހެދިގެންދިޔައީމަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އަމާޒަކީ 50 ރިޒޯޓް ހުޅުވިގެން ދިއުން ކަމަށެވެ. އޭރުން ވެސް އެއް ލައްކަ ވަޒީފާ އުފެދިގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އަންނަ އަހަރުން ފެށިގެން ސިވިލް ސަވީސްގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ނިންމާފައިވާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ މުސާރަ ބޮޑުވެގެންދާނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންގެ ކަމަށެވެ. އަދި ވިދާޅުވީ އެ ބަދަލާއެކު އެންމެ ކުޑަ މުސާރަ ލިބޭ މީހުނަށް 37 ޕަސެންޓު ބޮޑުވެގެންދާނެ ކަމަށެވެ. އަދި ދެން ތިބި މީހުންގެ މުސާރައިން 25 ޕަސެންޓް މުސާރަ ބޮޑުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސިވިލް ސާވިސްގައި 24000 މުވައްޒަފުން މަސައްކަތްކުރާއިރު އެ އަދަދަކީ ރާއްޖޭ ފަދަ ކުޑަ އާބާދީއެއްގައި ގިނަ އަދަދެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހަތަރު އަހަރުގެ ތެރޭގައި އެއް ލައްކަ އާ ވަޒީފާ އުފެއްދިފައިވާނަމަ އެއީ އަހަރެއްގެ މައްޗަށް 25000 ވަޒީފާ އެވެ.