ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ މެނިފެސްޓޯ ތަންފީޒު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރެއްވޭނެ ކަމެއްކަމަށް ދެކިނުލައްވާ ކަމަށާ، އެމަނިކުފާނަށް އެ މެނިފެސްޓޯގައި އޮތް އެއްޗެއް އެނގިނުލައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރުކަމުން ވަކިވެފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނާ ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން، ރާއްޖެޓީވީން ކުރިއަށްގެންދިޔަ ޚާއްސަ ކަވަރޭޖެއްގައި ވާހަކަފުޅު ދައްކަވަމުން ސައުދު ވިދާޅުވީ، ރައީސް ޔާމީނަކީ ޕީއޭގެ ބޭފުޅެއް ކަމަށާ، ޕީޕީއެމްގެ މެނިފެސްޓޯއަކީ ޕީޕީއެމްގެ ވިސްނުމާއި އެއްގޮތަށް އެކުލަވާލާފައިވާ އެއްޗެއް ކަމުން ރައީސް ޔާމީނަށް އޭގައި ހުރި ކަންކަން ތަންފީޒުކުރައްވަން އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ ރައީސް ޔާމީނަކީ އަސްލު ޕީއޭގެ ބޭފުޅެއް ދެއްތޯ. މެނިފެސްތޯ ތައްޔާރުކުރީ ޕީޕީއެމުން. އެހެންވީމަ ޕީޕީއެމްގެ މެނިފެސްޓޯއެއް، ތަންފީޒުކުރެއްވުމަކީ، އަސްލު ރައީސް ޔާމީނަކަށް އެނގިވަޑައެއް ނުގަންނަވާ މި މެނިފެސްޓޯތަކުގަ މިއޮތީ ކޯޗެއް ކަމެއް. އެހެންވީމަ ޕީޕީއެމްގެ ވެރިކަމަކަށް ޕީޕީއެމުން ތައްޔާރުކުރި ޕޮލިސީސްތަކެއް، ޕޮލިސީސްތަކަކީ، އެހެންވީމަ ރައީސް ޔަމީން ޕީއޭގަ ހުރެފަ ޕީޕީއެމަށް އައިސްގެން، ރައީސް ޔާމީން ގައިގަ ނެތް މިސިފައެއް. ރައްޔިތުންނަށް އޯގާތެރިކަމާ އެކީގަ ވެރިކަންކޮށްގެން، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީގެން، ރައްޔިތުން މިނިވަންކޮށްދީގެން ވެރިކަންކުރުމުގެ ޑިމޮކްރެޓިކް އެއްވެސް އަސާސެއް ރައީސް ޔާމީން ކިބައިގަ ނެތް" ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ، މިކަން މިހެން އޮތުމުން ޕީޕީއެމްގެ މެނިފެސްޓޯ ތަންފީޒުކުރުމަކީ ރައީސް ޔާމީންއަށް ކުރައްވަން ކެރިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށެވެ.
މެނިފެސްތޯގައި ހުރި ބައެއް ކަންކަމަށް އަލިއަޅުއްވާލައްވައި ސައުދު ވިދާޅުވީ، މަސްވެރިންނަށް ބެޔަސް ނުބެޔަސް ދޭންބުނި ދިހަހާސް ނުދެވުނު ކަމަށާ، މަސްވެރިންނަށް ޚާއްސަ މެރީނާތަށް ޤާއިމްކޮށްދޭނެ ކަމަށް ވަޢުދުވިނަމަވެސް އެކަންވެސް ރާއްޖޭގެ އެއްވެސް ހިސާބެއްގައި ކުރެވިފައި ނުވާކަމަށެވެ. ސައުދު ވިދާޅުވީ މެރީނާއެއްގެ ގޮތުގައި ހުރީ އެންމެ ތަނެއް ކަމަށާ، އެއީ ފެލިވަރުގައި މެރީނާއެއްގެ ނަމުގައި ހަދާފައި ހުރި ތަނެއް ކަމަށެވެ. ނަމަވެސް އެތަނަކީވެސް ފެލިވަރުގެ މުވައްޒަފުން އަރާމުކޮށްލައި، ޓީވީ ބަލަން ހަދާފައި ހުރި ތަނެއްކަން ސައުދު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާއަތުން ވެފައިވާ ވަޢުދުތަކުގެ ވާހަކަ އިތުރަށް ދައްކަވަމުން ސައުދު ވިދާޅުވީ، ޒުވާން އޮޑިވެރިން އުފެއްދުމަށް ވީވަޢުދު ނުފުއްދުނު އިރު، ކުރިން ތިބި ޒުވާން އޮޑިވެރިންވެސް ވޭތުވެދިޔަ 4 އަހަރު ތެރޭގައި ބަނގުރޫޓޫވެގެން އޮޑިތައް މަހަށް ނުފުރާކަމަށް ސައުދު ވިދާޅުވިއެވެ. ސައުދު ވިދާޅުވީ މި ސަރުކާރުން ބިންގާ އަޅައިގެން މަސްވެރިކަމުގެ ސިނާއަތަށް ކޮށްދިން ކަމެއް ފެންނަން ނެތް ކަމަށެވެ.
ސައުދު ވިދާޅުވީ ރައީސް ޔަމީންގެ ސިޔާސަތުތައް ވަރަށް ބޮޑަށް ބަދަލުވެގެން ހިނގައްޖެ ކަމަށާ، ކުރިއަށް އޮތް ތަނުގައި އެމަނިކުފާނު މާ ގިނަ ވަޢުދުތަކެއް ވެވަޑައިގަންނަވާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.