މަހާ ޖައްރާފަށް ދިމާވި މައްސަލައަކާ ގުޅިގެން ކުޅުދުއްފުށީ ކުޅި ހިއްކުމުގެ މަސައްކަތް ހުއްޓިއްޖެ އެވެ.
ޗައިނާގައި ބަނދެގެން އެމްޓީސީސީއަށް ގެނައި ކޮންނަ ބޯޓް، މަހާ ޖައްރާފުގެ ފުރަތަމަ މަސައްކަތަކީ ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް އެ ރަށުގެ ކުޅި ހިއްކުމެވެ. މި މަހުގެ 12 ވަނަ ދުވަހު އެ މަޝްރޫއުގެ މަސައްކަތް ފަށާފައިވާއިރު، ކޮންނަ ބޯޓަށް ބުދަ ދުވަހު މައްސަލައެއް ދިމާވެ މަސައްކަތް ހުއްޓިފައިވާ ކަމަށް، އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
މަހާ ޖައްރާފަށް ދިމާވި މައްސަލައާ ގުޅޭ ގޮތުން އެމްޓީސީސީން މިހާތަނަށް ބަހެއް ނުބުނެ އެވެ. ނަމަވެސް ކުޅުދުއްފުށިން ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ކޮންނަ ބޯޓްގެ މަސައްކަތް ހުއްޓުނީ އޭތީގެ ބުރަފަތީގައި ވަލެއް އޮޅިގެންނެވެ.
އެ ވާ ނެއްޓުމަށްޓަކައި އިއްޔެއިން ފެށިގެން ޑައިވަރުން މަސައްކަތްކުރި ކަމަށާއި ވާ ނައްޓާލެވުނީ ހުކުރު ދުވަހު ހަވީރު ކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެހެން މީހަކު ބުނި ގޮތުގައި މަހާ ޖައްރާފުގެ މަސައްކަތް ހުއްޓުނީ އޭގެ މޯޓަރަކަށް ދިމާވި މައްސަލައަކުންނެވެ.
މައްސަލަ ހައްލުކޮށް ހޮނިހިރު ދުވަހު މަހާ ޖައްރާފުގެ މަސައްކަތް ފަށާނެ ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފަ އެވެ.
ފަންސާސް މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ. މި ކޮންނަ ބޯޓްގެ ދިގު މިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ.