ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ވަނީ ރާއްޖޭގެ އިޖުތިމާއީ އަދާލަތު ގާއިމުކޮށްދެއްވައި، ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދެއްވާފައި ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް، ހުކުރު ދުވަހުގެ ރޭ "ބަހާރެކޭ" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރާއްޖޭގައި ކުށްކުރުން ވަރަށް ބޮޑަށް މަދުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ސިއްހީ ދާއިރާ އޮތީ ބޮއްސުންލާފައި ކަމަށާއި ރާއްޖޭގެ ކޮންމެ ރަށެއްގައި ސިއްހީ ހިދުމަތް ލިބޭނެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ހަދާ ކޮންމެ ރަށަކުން ބޭސް ލިބޭނެ ގޮތް ހެއްދެވީ ރައީސް ޔާމީން ކަމަށެވެ. ސީ އެމްބިއުލާންސް ތައާރަފް ކޮށްދެއްވީ ވެސް ރައީސް ޔާމީން ކަމަށް ޝަރީފް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ފެންވަރު ރަނގަޅުކޮށްފައިވާ ކަމަށާއި ބޮޑެތި ބަލިތަކަށް ފަރުވާކުރެވޭނެ ގޮތް ހައްދަވާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އިސްރަށްވެހިން ތިބީ މަގުމަތިވެފައި ކަމަށާއި ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން، އިސްރަށްވެހިންނަށް އިއްޒަތާއި ގަދަރު ދެއްވާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ރައްޔިތުން ދެކެ އެންމެ ލޯބިވާ ވެރިޔަކީ ރައީސް ޔާމީން ކަމަށާއި ރައީސް ޔާމީން ރައްޔިތުންނަށް ކޮށްދެއްވާ އަދި ކޮށްދެއްވަމުން ގެންދަވާ ކަންކަން ފުރިހަމަ ކުރުމަށް އިތުރު ދައުރަކަށް ފުރުސަތު ދެއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ރާއްޖޭގެ އިޖުތިމާއީ އަދާލަތާއި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއިރު، ރައީސް ޔާމީންގެ ވެރިކަމުގައި އަދުލް އިންސާފުގެ ދާއިރާ ބޮއްސުންލާފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ރައީސް ޔާމީންގެ ވެރިކަމަށް ހަތަރު އަހަރުވީއިރު، އެތައް ބަޔަކަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލާފައިވާއިރު، ނޫސްވެރިޔަކު "ވަގަށް" ނަގާފައިވެއެވެ. މީހުން މެރުމާއި މާރާމާރީ ހިންގުން މިސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި އިންތިހާއަށް އިތުރުވެފައިވާއިރު ސަރުކާރަކުން ހިންގި އެންމެ ބޮޑު ހިޔާނާތް ހިންގާފައި ވަނީ ވެސް ރައީސް ޔާމީންގެ މި ސަރުކާރުންނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް 1.22 ބިލިއަން ރުފިޔާއަށް އަރާއިރު، ސަރުކާރުގެ ކުންފުނިތަކުގެ ކޮރަޕްޝަނާއި ހިޔާނާތް އިންތިހާއަށް ވަނީ އިތުރު ވެފައެވެ.