ކ. މާލެ
|
17 ނޮވެންބަރ 2017 | ހުކުރު 22:13
އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމުގެ ހަރަކާތެއްގެ ތެރެއިން
އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމުގެ ހަރަކާތެއްގެ ތެރެއިން
ރޮއިޓަރސް
އުތުރު ކޮރެއާ - ސިންގަޕޫރު
އުތުރު ކޮރެއާއާއި އެކު އޮންނަ ވިޔަފާރީގެ ގުޅުން ސިންގަޕޫރުން ކަނޑާލައިފި
ވިޔަފާރީގެ ގުޅުން ކަނޑާލި ނަމަވެސް ސިންގަޕޫރުން އަދިވެސް ދަނީ ޑިޕްލޮމެޓިކް ގުޅުން ބާއްވަމުން

ސިންގަޕޫރުން އުތުރު ކޮރެއާއާއިއެކު ބާއްވަމުންދިޔަ ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލައިފިއެވެ.

ސިންގަޕޫރުން އުތުރު ކޮރެއާ އާއިއެކު އޮންނަ ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑައިލިއިރު، އދ. އާއި އެމެރިކާއިން ދަނީ އުތުރު ކޮރެއާ އާއި ދެކޮޅަށް މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ހަރުކަށިކުރުމަށް މަސައްކަތް ކުރަމުންނެވެ.

ސިންގަޕޫރުގެ ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި އުތުރު ކޮރެއާ އާއި ގުޅިފައިވާ ވިޔަފާރީގެ އެންމެހާ ގުޅުމެއް އެގައުމުން ކަނޑާލީ މި ނޮވެމްބަރ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ކަމަށެވެ. ސިންގަޕޫރަކީ 2016 ވަނަ އަހަރު، އުތުރު ކޮރެއާ އާއިއެކު 8 ވަނައަށް އެންމެ ގިނަ ވިޔަފާރީގެ މުއާމަލާތްތައް ކުރި ގައުމެވެ. އެއީ އުތުރު ކޮރެއާގެ ވިޔަފާރީގެ މުއާމަލާތްތަކުގެ 0.2 އިންސައްތައެވެ.

އުތުރު ކޮރެއާގެ އިގްތިޞާދަށް އެންމެ ބޮޑަށް ވާގިވެރިވާ ޗައިނާއަކީ އުތުރު ކޮރެއާއާއި ވިޔަފާރީގެ އެންމެ ގާތް ގުޅުމެއްވެސް ބާއްވާ ޤައުމެކެވެ.

އުތުރު ކޮރެއާއިން ދާދިފަހުން ކުރި ހަވަނަ ނިއުކްލިއާ ޓެސްޓާ ގުޅިގެން އދ އިން ވަނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ބައިނަލްއަގްވާމީ ދުނިޔެއިން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި، މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށް ތަކުރާރުކޮށް އުތުރު ކޮރެއާއަށް އަންގަމުންނެވެ. ނަމަވެސް އާދައިގެމަތިން އުތުރު ކޮރެއާއިން ދަނީ ބައިނަލްއަގްވާމީ ދުނިޔެއަށް ބީރުކަންފަތެއް ދެމުންނެވެ.

- ކޮމެންޓް