ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށް ހިންގެވި ކެމްޕޭނުގައި ލައްކަ ވާހަކަތައް ދެއްކެވިއެވެ. ބޮޑެތި ވައުދު ތަކެއްގެ ގޮތުގައި ރައްޔިތުންނަށް އުއްމީދު ތަކެއް ދެއްވި އެވެ. އެވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދަކީ ހަކަތައިގެ ވައުދެވެ. އެންމެނަށް ހަކަތަ ޔަޤީން ވައުދެވެ.
ރައީސް ޔާމީންގެ 2013 ގެ މެނިފެސްޓޯގައި ހަކަތަ ވައުދުގެ ގޮތުގައި ބޭނުން ކުރާ އެންމެ ވަރުގަދަ ސްލޯގަންއަކީ ހަކަތަ ޔަޤީން ސްލޯގަންއެވެ. އޭގެ ތެރެއިން 24 ގަޑިއިރު ކަރަންޓް ޔަޤީން ވައުދެވެ.
ރައީސް ޔާމީން ވައުދުވެވަޑައިގެންފައި ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި މަދުވެގެން ހަތަރު ތެޔޮ ބަންކަރު ހައްދަވާނެ ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާއިރު ތެޔޮ ގަނެ ރައްކާތެރި ކުރުމެވެ.
ދައުރު ނިމެން އެއް އަހަރަށް ވެފައިވާއިރު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ތެޔޮ ބަންކަރެއް ހެދިފައެއް ނުވެއެވެ. އެފަދަ މަޝްރޫއެއް ހިނގިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކިތަންމެ ކުޑަކޮށް ހުރި ނަމަވެސް ރާއްޖެއިން ތެޔޮ ލިބޭ އަގަކަށް މާބޮޑު ހެޔޮ ބަދަލެއް ނުލިބެއެވެ. އެއާ ޚިލާފަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެގެންދާ ވަގުތުން ފެށިގެން ތެލުގެ އަގު ބޮޑުވެގެންދެއެވެ. މީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮކޮށް ހުރުމުން ތެލުން ކަނޑާލާ މަދު ލާރިކޮޅަށް ވުރެ ބޮޑު އަދަދެއް ތެލުގެ އަގު ބޮޑުވުމުން ވަނީ ތެލަށް ނަގާފައެވެ.
ރާއްޖެއިން ތެޔޮ އަގު ބޮޑުވާނެ އެހެން ސަބަބެއް ވެސް ވަނީ ސަރުކާރު ތެރެއިން ފަޅާއަރާފައެވެ. މެންބަރުން ތަކަކާ ތެޔޮ ދޫކޮށް އެ މެންބަރުން އެއަށް އިތުރު އަގެއް ލައިގެން ވިއްކައިގެން ރައްޔިތުންނާ ހަމައަށް ތެލުގެ އަގު ބޮޑުކޮށް ފޯރުކޮށްދީފައިވާކަން ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.
އިޔާދަ ކުރަނިވި ހަކަތަ ހިމެނޭ ހައިބްރިޑް ސިސްޓަމްތައް ތައާރަފްކުރުމާއި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބޮޑެތި ޢިމާރާތްތަކުގައި ސޯލާ ޕެނަލް މަޝްރޫޢުތައް ހިންގާނެ ކަމަށް ބުނެފައިވީ ނަމަވެސް އެއިން އެއްވެސް ކަމެއްގެ ހިލަމެއް ވެފައެއް ނުވެއެވެ.
ހަމަ އެހެންމެ ފެންވަރު ރަނގަޅު އެނަރޖީ ސޭވިންގ ތަކެތީގެ ބޭނުންކުރުން ފަހިކުރާނެ ކަމަށް ވައުދުވެފައި ވީނަމަވެސް އޭގެ ޢަލާމާތެއް ފެނިފައެއް ނުވެއެވެ. ޕީޕީއެމްގެ ހަކަތައިގެ ވައުދުގެ ތެރޭގައި ސަބްމެރިން ކޭބަލް ވިއުގައިން މާލޭ ސަރަހައްދަށް ކަރަންޓްދިނުމުގެ މެގަ މަޝްރޫޢެއް ފަށާނެ ކަމަށާއި ހަނިމާދޫ، ކައްދޫ، ކޫއްޑޫ އަދި ކާޑެއްދޫ އެއަރޕޯޓްތަކުގެ ސަރަހައްދުތަކުގައި ސަބްމެރިން ކޭބަލް ކަރަންޓް ވިއުގަ ޤާއިމް ކުރާނެ ކަމަށާއި ރާޅާއި އޮޔާއި ވައިގެ ހަކަތައިގެ ތަހުލީލްތަކަށް މަގުފަހި ކުރާނެކަން ހިމެނެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ފަށާފައެއް ނުވެއެވެ. އަދި އެފަދަ މަޝްރޫޢެއްގެ ވާހަކައެއްވެސް ނުދެކެވެ.
ދެން އޮތީ ސަރުކާރުން އެންމެ ބާރުލާފައި ދައްކަމުން އައި ވާހަކައެވެ. 24 ގަޑިއިރު ކަރަންޓް ޔަޤީން ކުރާނެކަމަށް ބުނާ ވާހަކައެވެ. ކޮންމެ ރަށަކަށް ވެސް އެ ރަށަކަށް ބޭނުންވާ ކެޕޭސިޓީގެ ޖެނެރޭޓަރު ސެޓް ބަހައްޓައި ޕެނަލް ބޯޑް ހަރުކޮށް ކޭބަލް އަޅައި ޕަވަރ ސިސްޓަމް ރަނގަޅު ކުރުމުގެ މަޝްރޫޢެއް ފަށާނެ ކަމަށް ޕީޕީއެމްގެ މެނިފެސްޓޯގައި ވަނީ ބުނެފައެވެ.
ޖެނެރޭޓަރުތައް އޯވަހޯލް ކުރުމާއި މަރާމާތު ކުރުމާއި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމް ކުރާނެ ކަމަށާއި އަވަށު ތެރެއަށް އުނދަގޫ ނުވާ ސަރަހައްދުތަކަށް ރަށްރަށުގެ އިންޖީނުގެތައް ބަދަލުކުރާނެ ކަމަށް ވަނީ ބުނެފައެވެ.
މި ވައުދަށް ބަލާއިރު އޭގެ ހަގީގަތް އިތުރަށް ބުނެދޭން ނުޖެހޭ ވަރަށް ކަރަންޓް ކެނޑުމުގެ މައްސަލަތައް ވަނީ ރަށްރަށުން ކުރިމަތި ވެފައެވެ. އެތައް ރަށަކުން ކަރަންޓް ކެނޑި އެތައް ދުވަހެއް ވަމުންދާ ކަމުގެ ޚަބަރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދަނީ އަޑު އިވެމުންނެވެ. މީޑިޔާތަކުގެ އެންމެ ފަލަ ސުރުޚީތަކުގެ ތެރޭގައި މިފަހަކަށް އައިސް ފެންނަނީ ރަށްރަށުގެ އިންޖީނުތައް ހަލާކުވެ ކަރަންޓް ނުލިބި ކަނުއަނދިރީގައި ތިބެން ޖެހިފައިވާކަމުގެ ސުރުޚީތަކެވެ. ރަށްރަށުގެ އިންޖީނުތައް އޯވަހޯލް ނުކުރެވި ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުންތައްވުމާއި ގެނެވޭ ޖަނަރޭޓަރު ސެޓްތައް ބައުވުމުގެ ސަބަބުން ރައްޔިތުން އެޖަނަރޭޓަރުތައް ބަލައި ނުގަތުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.
އައްޑު އަތޮޅުގެ މައި ކޭބަލް ބަދަލުކޮށް ޕަވަސިސްޓަމް ރަނގަޅު ކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް އައްޑު އަތޮޅަކީވެސް ކަރަންޓްގެ މައްސަލަ ކުރިމަތިވެގެން ރައްޔިތުން އެންމެ ބޮޑަށް އިހްތިޖާޖްކުރި އެއް ސިޓީއެވެ.
ޕީޕީއެމުން ވެފައިވާ ހަކަތައިގެ ވައުދުގެ ތެރޭގައި ރަށްރަށުގައި މަސައްކަތް ކުރާ ފެނަކައިގެ ފަންނީ މުވައްޒަފުންނަށް ތަމްރީނުދީ ޤާބިލްކަން އިތުރު ކުރުމަށް ބުނެފައިވާ ވައުދު ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ފެނަކައިގެ މުވައްޒަފުންގެ ތެރެއިން ލިބެމުންދިޔަ އެންމެބޮޑު ޝަކުވާއަކީ އެތައް އަހަރެއް ވެފައިވާ ފަންނީ މުވައްޒަފުން ސިޔާސީ ކަންކަމާހުރެ ވަޒީފާއިން ވަކިކުރުމާއި އެމީހަކާ ނުގުޅޭ އެތައް ޑިޕާޓްމަންޓްތަކަށް ބަދަލު ކުރުން ހިމެނެއެވެ. އަދި އެމީހަކު ޒަމާނުންސުރެ ވަޒީފާ އަދާކުރަމުން ދިޔަ އޮފީސް ނުވަތަ ރަށް ދޫކޮށް އަނބިދަރިންނާ ދުރަށް އެކި މީހުން ވަނީ ބަދަލު ކޮށްފައެވެ. ފެނަކައިން ރަށްރަށުގެ މަގު ބައްތި ދިއްލާނެ ކަމަށާއި އިޖްތިމާއީ ހަރަކާތްތައް ހިންގާ ތަންތަކުގެ ކަރަންޓް ބިލަށް ލުއި ގޮތެއް ހަމަޖައްސައިދޭނެ ކަމަށް ބުނި ނަމަވެސް އެކަންކަމެއް ފެންނާކަށް ނެތެވެ.
ކޮންމެ އަކަސް ނިމިދިޔަ އަހަރަށް ބަލާއިރު އަދި ޚާއްޞަކޮށް މިސަރުކާރުގެ ހަތަރު އަހަރަށް ބަލާއިރު ހަކަތައިގެ ވައުދު ފުއްދިފައެއް ނުވެއެވެ. އެވައުދު ފުއްދަން އުޅޭތަނެއްވެސް ނުފެނެއެވެ. އެގޮތުން ބޭރުގެ ޔުނިވަރސިޓީއެއްގެ ދަރިވަރުންތަކެއް ތަޖްރިބާ ދަތުރެއްގައި އައި އުޅަނދަކަށް އަރާ އެކުރި ކުރިކަމެއްކޮށް ތެޔޮ ހޯދުމުގެ ވައުދު ފުއްދިއްޖެ ކަމަށް ބުނިހެން 24 ގަޑިއިރު ކަރަންޓް ޔަޤީންވެފައިވާކަމަށް ދެކެވޭ ވާހަކަ ތަކަކީ ހަޤީގަތެއް ނޫންކަމެވެ. 24 ގަޑިއިރު ކަރަންޓް ޔަޤީން ނުވެ ރައްޔިތުންގެ ފާޑު ކިއުންތައް ވަނީ ސަރުކާރަށް އިންތިހާއަށް އަމާޒުވެފައެވެ.