އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ހަވީރު ބޭއްވި "ސައިފޮދަށް"ގެނައި ހެދިކާތައް ފުލުހުން ގެންދިއުމުން ވެސް ދެވަނަ ފަހަރަށް ހެދިކާ ގެނެސްގެން "ސައިފޮދު" ކުރިއަށް ގެންގޮސްފި އެވެ.
ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ކުރިމަތީ ކުރިއަށް ގެންދިޔަ ހަވީރު ސައިގެ ހަރަކާތަކަށް ގެނައި ހެދިކާތައް ގެންދިޔައީ އެސްއޯ ފުލުހުންނެވެ. އެމްޑީޕީ ހަރުގެ ކުރިމަތީ ޕޭމަންޓް މަތީގައި ބަހައްޓާފައިވާ މޭޒުގައި ހުރި ހުރިހާ ތަކެއްޗެއް ގެންދިޔައީ އެ ތަކެތި ބަހައްޓާފައިހުރި މޭޒާވެސް އެކުގަ އެވެ.
އޭރު އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ގިނަ މީހުން ތިބީ އެމްޑީޕީ ހަރުގެ ކުރިމަތީ އާޓިފިޝަލް ބީޗް ފަޅީގަ އެވެ.
"ސައިފޮދު" ފައްޓަވައި ދެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓްގެ ގޮތުގައި ހުންނެވި ޑރ. މުސްތަފާ ލުތުފީ އެވެ.
މީގެ ކުރިން ވެސް އެމްޑީޕީން ބާއްވާފައިވާ ސިޔާސީ އެއްވުންތަކަށް ގެންދިޔަ ކާތަކެތި ފުލުހުން ގެންގޮސްފައިވެ އެވެ. އެހެން ނަމަވެސް ސަރުކާރު ހިންގާ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް މަގުތައް ބަންދުކޮށްގެން ވެސް ކުރިއަށް ގެންދެއެވެ.
ހުކުރު ދުވަހު ބޭއްވި ހަރަކާތުގައި ވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ގޮސްފައިވަނީ ސިޔާސީ ހަރަކާތްތައް ހުއްޓާ ނުލާނެ ކަމަށެވެ. އަދި އެހެންމެ ސަރުކާރުގެ ތެރޭގައި އޮތީ ވައްކަން ކުރުމާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގުމުގެ ތުހުމަތު ކަމަށް ވިދާޅުވެ އެއްވުމުގެ ބައިވެރިންވަނީ ސަރުކާރަށް ބަހުގެ ހަމަލާތައް ދީފައެވެ. އެގޮތުން އެމްޑީޕީން މި ސަރުކާރާ ގުޅޭ ގޮތުން ދައްކަމުން ދިޔަ ވާހަކަތަކުގެ ތެދުކަން ޔަގީންވާރަށް ތިލަވެގެން ހިނގައްޖެ ކަމަށް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.