ރަށްދެބައިމަގާއި ނީލޯފަރުމަގާ ގުޅޭ ކަންމަތީގައި ހުންނަ ބިހުރޯޒްކަމަނާ މިސްކިތާއި ބޮޑު ތަކުރުފާނު ޒިޔާރަތް ތަޅާލައިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ހުކުރު ދުވަހު މި ގޮތަށް ޓުވީޓް ކުރެއްވީ މާލޭގައި ދެ މިސްކިތެއް ހުރި ބިމުގައި 12 ބުރީގެ މަލްޓިޕާރޕަސް ދެ އިމާރާތް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާތީއެވެ. އެއް އިމާރާތް އަޅަނީ ބިހުރޯޒްކަމަނާ މިސްކިތް ހުރި ބިމުގައެވެ. އަނެއް އިމާރާތް އަޅަނީ މަޖީދީ މަގުން ގަލޮޅު ދަނޑު ކައިރީގައި ހުންނަ މަސްޖިދުލް އިމާމް އާދިލް މިސްކިތް ހުރި ބިމުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ބިހުރޯޒް ކަމަނާ މިސްކިތާއި ބޮޑުތަކުރުފާނު ޒިޔާރަތަކީ ދިވެހި ތާރީހުގެ ސަގާފަތަށް ބަދަލުނުދެވޭނެ ފަދަ ތަންތަން ކަމަށެވެ. އެ ތަންތަން ތަޅާލައިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއިން ކޮންމެ އިމާރާތެއް ހެދުމަށް ފަސްމިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ހަރަދުވާ ކަމަށް އަންނަ އަހަަރުގެ ބަޖެޓްގައި ހިމަނާފައި ވެއެވެ. ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވާގޮތުން މި ދެ މަޝްރޫއު ހިންގަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީގެ ދަށުންނެވެ. ބިހުރޯޒް ކަމަނާ މިސްކިތާއި މަސްޖިދުލް އިމާމް އާދިލް މިސްކިތް ހުރި ބިމުގައި މަލްޓިޕާރޕަސް އިމާރާތް އެޅުމަށް ފަހު އެ އިމާރާތުގައި މިސްކިތް ހިމެނޭ ކަމަށް ބަޖެޓުގައި ބަޔާން ކޮއްފައިވާ މައުލޫމާތުގައި ބުނެފައެއް ނުވެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ އެޕްރީލް މަހު ބިހުރޯޒު ކަމަނާ މިސްކިތުގެ ގޯތިތެރޭގައި ނަމާދު ކުރުން މަނާކޮށްފައެވެ. ވަޅުލައިފައިވާ އިންސާނުންގެ ކަށިތަކެއް ފެނިގެން އެ މިސްކިތުގެ ގޯތިތެރޭގައި ނަމާދުކުރުން މަނާ ކޮށްފައިވާއިރު ހަސަން ރަންނަބަނޑޭރި ކިލެގެފާނާގެ މަހާނަ ހުންނަ ޒިޔާރަތެއް ބިހުރޯޒުކަމަނާ މިސްކިތުގެ ގޯތިތެރޭގައި ހުރެ އެވެ.
މަސްޖިދުލް އިމާމް އާދިލްއަކީ މިހާރު ވެސް މީހުން ނަމާދު ކުރަމުން އަންނަ މިސްކިތެކެވެ.