މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އިން ކޮންމެ އަހަރަކު ހިންގަމުން އަންނަ "އެކްސަސައިޒް ރަންނަމާރި ހަންޓް" މިމަހުގެ ތެރޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި އަސްކަރީ ތަމްރީނުތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 20 އިން 24 އަށް، މާލޭ ސިޓީ މާލެ، ވިލިމާލެ، ހުޅުލެ، ހުޅުމާލެ އަދި ކ. ތިލަފުށި ހިމެނޭ ސަރަހައްދުގަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި، މާލޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައި ވެސް މި ފަރިތަކުރުންތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނުތަކުގައި ސިފައިން ހަރަކާތްތެރިވާއިރު، އެއްގަމާއި ކަނޑުގައި ސިފައިން ހަތިޔާރާއި ގޮވާތަކެތި އަދި މާލެ އާއި ހުޅުމާލޭގައި އާރމަޑް ވެހިކަލް ބޭނުންކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެކްސަސައިޒް ރަންނަމާރި ހަންޓް" ކުރިއަށްދާއިރު، ބްލޭންކްސް ފަދަ އަސްކަރީ ތަމްރީނުތަކުގައި ބޭނުންކުރާ ޓްރޭނިންގ ސިމިއުލޭޓަސް ބޭނުންކުރާ ގޮތަށް ހަމަޖެހިފައިވެއެވެ.
ސިފައިން ހިންގަމުންދާ މި ތަމްރީނުތަކުގައި ބޭނުންކުރާ ހަތިޔާރުތަކުގެ ތެރޭގައި އާންމުންނަށް ގެއްލުން ލިބޭނޭ އެއްވެސް އާލާތެއް ބޭނުން ނުކުރާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.