ހަސުސިން މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމުގައި ހުންނެވި ގއ. ވިލިގިނލި ލައިޓްހައުސް ޝަހީބް އިބްރާހީމްގެ މައްޗަށް ދައުލަތުން ޓެކުމުގެ ދައުވާ އުފުލައިފިއެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ ޝަހީބް އިބްރާހީމްގެ މައްޗަށް ދައުލަތުން ޓެކުމުގެ ދައުވާ އުފުލާފައި ވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އަދި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ބާއްވާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ދައުލަތުން ޝަހީބުގެ މައްޗަށް ޓެކުމުގެ ދައުވާ އުފުލާފައި ވީނަމަވެސް އެ ދައުވާ އުފުލާފައި ވަނީ ގާނޫނޫލް އުގޫބާތުގެ ކޮން މާއްދާއެއްގެ ދަށުން ކަމެއް ސާފެއް ނުވެއެވެ.
ގާނޫނުލް އުގޫބާތުގައި ބުނެފައިވާ ގޮތުގައި ޓެކުމުގެ މާނައަކީ އަނެކާއަށް އެކަމުގެ މަންފާއެއް އޮތްކަން ދައްކައިގެން ފައިދާއެއް ނުވަތަ ހިދުމަތެއް ކޮށްދޭން ބުނެ ނުވަތަ އެފަދަ ކަމެއް ވެވިދާނެ ކަންކަމުން ނުވަތަ ސިފައަކުން ދައްކައިގެން ފައިސާ ނުވަތަ ތަކެތި އަތުލައި، އެކަމެއް އެބުނި ގޮތަށް ކޮށްނުދީ ފައިސާ ނުވަތަ ތަކެތި ބޭނުން ކުރުމެވެ.
ގާނޫނޫލް އުގޫބާތުގެ 212 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޓެކުމުގެ ކުށްތަކުގެ ތެރޭގައި ހިމެނެނީ އެނގިހުރެ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުމާއި، އަދި މަކަރާއި ހީލަތުން އެކަން ކުރުން ނުވަތަ ޓެކުމަކުން އެކަން ކުރުމެވެ.
ޝަހީބަކީ ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން ގއ. ވިލިގިނލީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތެވެ. އަދި ޝަހީބަކީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްގެ އަރިސް ބޭފުޅެއް ވެސް މެއެވެ.