ސިވިލް ސާވިސްގެ މުވައްޒަފުން ރަސްމީ ހުސް ގަޑީގެ އިތުރުން ބޭރުގައި ހޭދަކުރާ ވަގުތުތައް މުސާރައިން އުނިކުރެވޭ ގޮތަށް ކަނޑައެޅި ނިންމުން ބާތިލް ކޮށްފިއެވެ.
ސިވިލް ސާވިސްގެ މުއައްޒަފުންގެ ތެރެއިން މަސައްކަތް ކުރަންޖެހޭ ވަގުތުތަކުގައި ބޭރުގައި އުޅޭ މުއައްޒަފުންގެ މުސާރަ އިން އުނިކުރަން ނިންމާފައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ސަރުކާރު މުވައްޒަފުންގެ ތެރެއިން އިސް ފަންތީގައި މަސައްކަތް ކުރާ ފަރާތްތަކަކީ ޑިޕްލޮމާ ފެންވަރުގެ ސަނަދެއް އޮންނަންޖެހޭނެ ބަޔަކަށް ވާންޖެހޭނެ ކަމަށް ކަނޑައެޅީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ ނިންމުން މިހާރު ވަނީ ބާތިލްކޮށްފައެވެ.
އެ ކަމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގައި ބުނެފައި ވަނީ މުއައްޒަފުން ބޭރުގައި އުޅޭ ވަގުތު މުސާރައިން ކަނޑަން ނިންމާފައިވާ ނިންމުމާއި ސިވިލް ސާވެންޓުންގެ މެދުފަންތީގެ މަގާމުތަކުން ފެށިގެން މަތީގެ ހުރިހާ މުވައްޒަފުން ޑިޕްލޮމާ ފެންވަރަށް ކިޔަވަންޖެހޭ ގޮތަށް މަޖުބޫރު ކުރަން ނިންމި ނިންމުން އެ ކޮމިޝަނުން ބާތިލް ކޮށްފައިވާ ކަމަށެވެ.
"ދިވެހި ސިވިލް ސާވިސް ގަވައިދު 2014" އިގެ 160 ވަނަ މާއްދާގެ (ށ) ގައި ކުރިން ބުނެފައި ވަނީ މުވައްޒަފެއް ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށް ވާ މިންވަރު، ގަޑިލާރީގެ ގޮތުގައި އޭނާގެ މުސާރަ އަދި ސަރވިސް އެލަވަންސްއިން އުނިކުރެވޭނެ ކަމަށެވެ. އަދި އެމާއްދާގެ (ނ) ގައި ބުނެފައި ވަނީ މުވައްޒަފަށް ދެވޭ ހުސް ވަގުތުކޮޅުގެ އިތުރުން އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތުން، އެ ވަގުތަށް ވާ މިންވަރު، ގަޑިލާރީގެ ގޮތުގައި އޭނާގެ މުސާރަ އަދި ސަރވިސް އެލަވަންސްއިން އުނިކުރެވޭނެ ކަމަށެވެ. މި ދެ އުސޫލް ބާތިލްކޮށްފައި މި ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
ސިވިލް ސާވިސް ކޮމިޝަނުން 2014 ވަނަ އަހަރު ނެރުނު ސާކިއުލާއެއްގެ ދަށުން ދޭން ފެށި ބޯނަސް ފައިސާ މިދިޔަ އަހަރު ވެސް ދީފައެއް ނުވެއެވެ. އެހެން ނަމަވެސް މި އަހަރުގެ ބަޖެޓުގައި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް 234 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އެއީ ސަރުކާރުގެ މުވައްޒަފުންގެ ޖުމްލަ އަދަދަށް ބަލާއިރު ގާތްގަނޑަކަށް ބޮލަކަށް 800ރ. އެވެ.