މާލޭގައި ދެ މިސްކިތެއް ހުރި ބިމުގައި 12 ބުރީގެ މަލްޓިޕާރޕަސް ދެ އިމާރާތް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
މީގެ ތެރެއިން އެއް އިމާރާތް އަޅަނީ ރަށްދެބައިމަގާއި ނީލޯފަރުމަގާ ގުޅޭ ކަންމަތީގައި ހުންނަ ބިހުރޯޒް މިސްކިތް ހުރި ބިމުގައެވެ. އަނެއް އިމާރާތް އަޅަނީ މަޖީދީ މަގުން ގަލޮޅު ދަނޑު ކައިރީގައި ހުންނަ މަސްޖިދުލް އިމާމް އާދިލް މިސްކިތް ހުރި ބިމުގައެވެ.
މިއިން ކޮންމެ އިމާރާތެއް ހެދުމަށް ފަސް މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް އަންނަ އަހަަރުގެ ބަޖެޓްގައި ހިމަނާފައި ވެއެވެ. ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ހުށައެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވާގޮތުން މި ދެ މަޝްރޫއު ހިންގަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީގެ ދަށުންނެވެ. ބިހުރޯޒް މިސްކިތާއި މަސްޖިދުލް އިމާމް އާދިލް މިސްކިތް ހުރި ބިމުގައި މަލްޓިޕާރޕަސް އިމާރާތް އެޅުމަށް ފަހު އެ އިމާރާތުގައި މިސްކިތް ހިމޭނޭ ކަމަށް ބަޖެޓުގައި ބަޔާން ކޮއްފައިވާ މައުލޫމާތުގައި ބުނެފައެއް ނުވެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ އެޕްރީލް މަހު ބިހުރޯޒު މިސްކިތުގެ ގޯތިތެރޭގައި ނަމާދު ކުރުން މަނާކޮށްފައެވެ. އިންސާނުންގެ ކަށިތަކެއް ފެނިގެން އެ މިސްކިތުގެ ގޯތިތެރޭގައި ނަމާދުކުރުން މަނާ ކޮށްފައިވާއިރު ހަސަން ރަންނަބަނޑޭރި ކިލެގެފާނާގެ މަހާނަފުޅު ހުންނަ ޒިޔާރާތެއް ބިހުރޯޒު މިސްކިތުގެ ގޯތިތެރޭގައި ހުރެ އެވެ.
މަސްޖިދުލް އިމާމް އާދިލްއަކީ މިހާރު ވެސް މީހުން ނަމާދު ކުރަމުން އަންނަ މިސްކިތެކެވެ.