ކ. މާލެ
|
17 ނޮވެންބަރ 2017 | ހުކުރު 10:46
ރޯޖާ ފެޑެރާ އަދި ޖެކް ސޮކް - މި ދެ ކުޅުންތެރިން ވެސް މި މުބާރާތުގެ ސެމީގައި ވާދަކުރާނެ
ރޯޖާ ފެޑެރާ އަދި ޖެކް ސޮކް - މި ދެ ކުޅުންތެރިން ވެސް މި މުބާރާތުގެ ސެމީގައި ވާދަކުރާނެ
ގެޓީ އިމޭޖަސް
އޭޓީޕީ ވޯލްޑް ޓުއަރ ފައިނަލްސް
އޭޓީޕީ ފައިނަލްސް: ޒަވަރޭވަ ކަޓުވާލުމަށް ފަހު ސޮކް ސެމީއަށް
ސޮކް ވަނީ ދެ ސެޓު އެއް ސެޓުން ޒަވަރޭވް ބަލިކޮށްފައި
ފެޑެރާ ވަނީ ދެ ސެޓު އެއް ސެޓުން ސިލިޗް ބަލިކޮށްފައި
މިއީ މި މުބާރާތުގެ ސެމީގައި ސޮކް ވާދަކުރާ ފުރަތަމަ ފަހަރު

ލަންޑަނުގައި މިހާރު ކުރިޔަށްދާ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލަސްގައި ޖަރުމަނުގެ އެލެކްޒެންޑާ ޒަވަރޭވް ބަލިކޮށް އެމެރިކާގެ ޖެކް ސޮކް ސެމީ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ޓެނިސް ސީޒަން ނިންމާލުމަށް ކުޅޭ ޝަރަފްވެރި މި މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރާ އެމެރިކާގެ ޖެކް ސޮކް ވަނީ ދުނިޔޭގެ ރޭންކިންގެ ތިން ވަނައިގައި މިވަގުތު އޮތް ޖަރުމަނުގެ ޒުވާން ޓެނިސް ކުޅުންތެރިޔާ އެލެކްޒެންޑާ ޒަވަރޭވް ދެ ސެޓު އެއް ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-4 އިން ސޮކް ގެންދިޔަ ނަމަވެސް ޒަވަރޭވް ވަނީ ދެވަނަ ސެޓު 6-1 އިން ގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެހެނަސް ސޮކް ވަނީ މެޗުގެ ނަތީޖާ ނެރެން ކުޅުނު ތިން ވަނަ ސެޓު 6-4 އިން ގެންގޮސް މި މުބާރާތުގެ ސެމީ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދާފައެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ ވަނީ ކްރޮއޭޝިއާގެ މަރިން ސިލިޗް ދެ ސެޓު އެއް ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 7-6 އިން ސިލިޗް ގެންދިޔަ ނަމަވެސް ފެޑެރާ ވަނީ ފަހުން ކުޅުނު ދެ ސެޓު 6-4 އަދި 6-1 އިން ގެންގޮސް މި މުބާރާތުގައި އޭނާ ބަލިނުވުމުގެ ރެކޯޑު ދަމަހައްޓާފައެވެ.

މި ގްރޫޕުގެ އެއްވަނަ ފެޑެރާ ހޯދީ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. މި ގްރޫޕުގެ ދެވަނަ ކުޅުންތެރިޔެއްގެ ގޮތުގައި ސޮކް ކޮލިފައިވިއިރު ޒަވަރޭވް އަދި ސިލިޗްއަށް ވަނީ މި މުބާރާތް ނިމިފައެވެ.

ސެމީ ފައިނަލުގައި ފެޑެރާ ވާދަކުރަން ޖެހޭނީ ޕީޓް ސެމްޕްރާސް ގްރޫޕުގެ ދެވަނަ ކުޅުންތެރިޔާ އާއި ކަމަށްވާއިރު ސޮކް ސެމީގައި ކުޅޭނީ އެ ގްރޫޕުގެ އެއްވަނަ ކުޅުންތެރިޔާ އާއި ދެކޮޅަށެވެ.

ޕީޓް ސެމްޕްރާސް ގްރޫޕުގެ އެއްވަނަ ކުޅުންތެރިޔާ ކަށަވަރު ވެގެންދާނީ ބެލްޖިއަމްގެ ޑޭވިޑް ގޮފިން އާއި އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ބައްދަލުކުރާ މެޗުންނެވެ. މި މެޗުން މޮޅުވާ ކުޅުންތެރިޔަކު ސޮކް އާއި ދެކޮޅަށް ކުޅެންޖެހޭއިރު ބަލިވާ ކުޅުންތެރިޔަކު ކުޅެން ޖެހޭނީ ފެޑެރާއާއި ދެކޮޅަށެވެ.

ސޮކް ވެގެން ގޮސްފައިވަނީ 2007 ވަނަ އަހަރު އެންޑީ ރޮޑިކް މި މުބާރާތުގެ ސެމީގެ ޖާގައެއް ހޯދިފަހުން މި މުބާރާތުގެ ސެމީއިން ޖާގަ ހޯދި އެމެރިކާއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެނާ މި މުބާރާތުގެ ޖާގައެއް ހޯދީ މިދިޔަ ހަފްތާގައި ފްރާންސްގެ ޕެރިހުގައި ބޭއްވި ޕެރިސް މާސްޓާސް މުބާރާތް ކާމިޔާބު ކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް