ކެރިއަރު ނިންމާލުމުގެ ކުރިން ބޭނުން ވަނީ ހަތް ދަރިންނާއި ހަތް ބެލެންޑޯ ކަމަށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
އުމުރުން 32 އަހަރުގެ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ވަނީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ބެލެންޑޯ އެވޯޑު ހޯދާފައެވެ. އަދި އޭނާއަށް ވަނީ މި ހަފްތާގެ ތެރޭގައި ހަތަރު ވަނަ ދަރިއަކު ވެސް ލިބިފައެވެ.
ފްރާންސްގެ އެންމެ ބޮޑު ފުޓްބޯޅަ ނޫސް ކަމަށްވާ "އެލްއިކުއިޕޭ" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން ބޭނުންވަނީ ހަތް ދަރިން ހޯދަން ކަމަށާއި އަދި ހަމަ އެ އަދަދަށް ބެލެންޑޯ ހޯދުމަކީ ވެސް ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
އެގޮތުން މި ސީޒަނުގައި ވެސް އެ އެވޯޑު ހޯދުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށާއި ކުޅުން ކުރިޔަށް ގެންދާހާ ހިނދަކު ބޭނުން ވަނީ ކާމިޔާބު ކުރެވެން ހުރި ހުރިހާ އެވޯޑެއް ކާމިޔާބު ކުރަން ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ. މި އަހަރުގެ އެވޯޑު ހޯދުމަކީ ހުވަފެނެއް ކަމަށާއި ނުލިބިއްޖެ ނަމަ އަންނަ އަހަރުގެ އެވޯޑު ހޯދުމަށް އިތުރަށް މަސައްކަތް ކުރާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެ އެވެ.
މި ސީޒަނުގައި ރޮނާލްޑޯގެ ފަރާތުން ފެންނަމުންދާ ކުޅުމާ މެދު ސަޕޯޓަރުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މި ފާޑުކިޔުންތަކަށް ރައްދު ދެމުން ރޮނާލްޑޯ ބުނެފައި ވަނީ އޭނާއަކީ "ގޯލް މެޝިން" އެއް ނޫން ކަމަށާއި އެންމެން ވެސް އޭނާގެ ކުޅުމަށް ފާޑުކިޔަނީ ޖަހާ ލަނޑުގެ އަދަދަށް ބެލުމަށް ފަހު ކަމަށެވެ. މީހުންގެ ފާޑުކިޔުން އަމާޒުވުމަކީ ކުރިއެރުމެއް ކަމަށާއި އެހެނަސް ހަގީގަތް ބެލުމަށް ފަހު ފާޑުކިޔުމަށް ރޮނާލްޑޯ ވަނީ ސަޕޯޓަރުންނަށް ގޮވާލާފައެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުންދާއިރު ރެއާލް އޮތީ އެ ޓީމު އޮތް ގްރޫޕުގެ ދެވަނައިގައެވެ. ޕީއެސްޖީ އާއި ރެއާލްގެ ކުރިމަތިލުމެއް ދެވަނަ ބުރުގައި ފެނުމަކީ އެކަށީގެންވާ ކަމަކަށްވާއިރު ރޮނާލްޑޯ ބުނެފައި ވަނީ ޕީއެސްޖީ ދެކެ ބިރު ނުގަންނަ ކަމަށާއި ރެއާލްއަކީ ޗެމްޕިއަންސް ލީގު ދިފާއު ކުރުމަށް ކުޅޭ ޓީމެއް ކަމަށެވެ. އެންމެ މުހިންމު ކަމަކީ ދެވަނަ ބުރަށް ކޮލިފައިވުން ކަމަށާއި ގްރޫޕުގެ އެއްވަނަ ނުލިބުނަސް މައްސަލައެއް ނެތް ކަމަށް ރޮނާލްޑޯ ބުނެފައިވެ އެވެ.
ރޮނާލްޑޯ މިބީދައިން ވާހަކަ ދައްކާފައިވާއިރު އޭނާއަކީ ފުޓްބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ޖުމްލަ ފަސް ފަހަރެއްގެ މަތިން ހޯދާފައެވެ. އަދި ކެރިއަރުގައި ކުޅުނު 642 މެޗުގައި އޭނާ ވަނީ 452 ލަނޑު ޖަހާފައެވެ.