އީރާނާ ގުޅޭ ގޮތުން ލިބިފައިވާ ޖާސޫސީ މައުލޫމާތު ސަޢޫދީއާ ހިއްސާކުރަން ތައްޔާރަށް އޮތް ކަމަށް އިޒްރާއީލުން ބުނެފިއެވެ.
އިޒްރާއީލުން މިހެން ބުނެފައި ވަނީ އެޤައުމުގެ އަސްކަރީ ވެރިޔަކު ސަޢޫދީ ނޫހަކަށް ދެއްވި ފުރަތަމަ އިންޓަރވިއުގައެވެ. މި އިންޓަރވިއުގައި އިޒްރާއީލްގެ އަސްކަރިއްޔާގެ ވެރިޔާ ލެފްޓިނަންޓް ޖެނެރަލް ގާދީ އެއިސަންކޮތު ވިދާޅުވީ މެދުއިރުމަތީގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އީރާން ކަމަށާއި، އީރާނުގެ ނުރައްކަލާ ކުރިމަތިލާން ބޭނުންވާ ޖާސޫސީ މައުލޫމާތު ސަޢޫދީއާ ހިއްސާކުރުމަށް އިޒްރާއިލް ތައްޔާރު ކަމަށެވެ. ޖެނެރަލް އެއިސަންކޮތު ވަނީ މެދުއިރުމަތީގެ ހަތިޔާރުއެޅި ޖަމާޢަތްތަކަށް އީރާނުން މަދަދުވެރިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.
މި އިންޓަރވިއުއަކީ މިގޮތަށް އިޒްރާއީލާ ސިޔާސީ ގުޅުން ޤާއިމްކޮށްފައިނުވާ ސައޫދީގެ ނޫހަކަށް އިޒްރާއީލްގެ ވެރިޔަކު އަލަށް ދެއްވި އިންޓަރވިއުއެކެވެ. އަދި މިއީ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އެއިސަންކޮތު މީޑިއާއަށް ދެއްވި ފުރަތަމަ އިންޓަރވިއުއެވެ. ތެލްއަވީވްގައި ދެއްވި މިއިންޓަރވިއުގެ ސަބަބުން އިޒްރާއީލާއި ސަޢޫދީގެ ގުޅުންތަކެއް އުފެދެން ފަށާފައިވާކަން މިވަނީ ހާމަވެފައެވެ. ސަޢޫދީ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާން ވެސް ދާދިފަހުން ސިއްރު ދަތުރުފުޅެއްގައި އިޒްރާއީލަށް ވަޑައިގެންފައިވާކަން ވަނީ ހާމަވެފައެވެ.
މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އީރާނާ ގުޅޭ ޖާސޫސީ މައުލޫމާތު އިޒްރާއީލުން ސަޢޫދީއާ ހިއްސާކުރި ނަމަވެސް، އެހެން ދާއިރާތަކުން މައުލޫމާތު ބަދަލުކުރުމަކީ ނާދިރު ކަމެކެވެ.