މާލޭގައި އެކްސިޑެންޓެއް ހިނގައި ފަސް މިހާކަށް އަނިޔާވެއްޖެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރު އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެކްސިޑެންޓް ހިނގީ ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯނުވެގެން ގޮސް މަގުމަތީގައި މަޑުކޮށްގެން ތިބި ބަޔެއްގެ ގައިގައި ޖެހިގެން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށާއި، އެހެން ނަމަވެސް އެކަކަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ތިން މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު ދޫކޮށްލައިފައިވާއިރު، ބާކީ ދެ މީހުންނަށް އަދިވެސް ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ މާލޭ ތާރުއެޅި މަގު ކަޅުތުއްކަލާ ކޮށިކައިރިންނެވެ.
މާލޭގެ ތާރުއެޅި މަގުގައި ސްޕީޑް ބްރޭކަރު ނުހުންނައިރު، އެ މަގުގައި ބާރު ސްޕީޑުގައި އުޅަނދު ދުއްވައެވެ.