ކ. މާލެ
|
17 ނޮވެންބަރ 2017 | ހުކުރު 04:21
ޒިމްބާބްވޭގެ ރައީސް މުގާބޭ އާއި އަސްކަރިއްޔާގެ ވެރިޔާއާއެކު ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން
ޒިމްބާބްވޭގެ ރައީސް މުގާބޭ އާއި އަސްކަރިއްޔާގެ ވެރިޔާއާއެކު ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން
ގޫގުލް
ޒިމްބާބްވޭ
ޒިމްބާބްވޭގެ މަސްރަހު: "ބަޣާވާތަށް" ފަހު ފުރަތަމަ ފަހަރަށް މުގާބޭގެ ފޮޓޯފުޅުތަކެއް އާންމުކޮށްފި
އަސްކަރިއްޔާ އިން ވަނީ ގައުމުގެ ކޮންޓްރޯލް ނަގާފަ
އަސްކަރިއްޔާ އިން ބުނަނީ "ބަޣާވާތެއް" ނުގެންނަ ކަމަށް

އަސްކަރިއްޔާ އިން ގެކޮޅުގައި ބަންދުގައި ބަހައްޓާފައިވާ ޒިމްބާބްވޭގެ ރައީސް ރޮބާރޓް މުގާބޭ ގެ ފޮޓޯފުޅުތަކެއް އެގައުމުގެ ދައުލަތުގެ ނިއުސް މީޑިއާ ކަމަށްވާ "ދަ ހެރަލްޑް" އިން އާންމުކޮށްފިއެވެ.

ޒިމްމްބާބްވޭގެ އަސްކަރިއްޔާގެ އަތްދަށަށް ގައުމު ގެނެސްފައިވާއިރު، "ދަ ހެރަލްޑް" އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެނިގެން ދަނީ ރައީސް މުގާބޭ ހިނިފުޅުވަޑުވައި، އަސްކަރިއްޔާގެ ވެރިޔާ ކޮންސްޓަންޓިނޯ ޝިވެންގާ އާ ބައްދަލުކުރައްވާ މަންޒަރެވެ. އަދި އެހެން ފޮޓޯ އެއްގައި ދެކުނު އެފްރިކާގެ މަންދޫބުންތަކެއް ވެސް ފެނެއެވެ. މި ބައްދަލު ކުރެއްވުން އޮތީ ވެރިރަށް ހަރާރޭ ގައި ހުންނަ ރައީސްގެ ގަނޑުވަރުގައެވެ. ބައެއް މަސްދަރުތަކާ ހަވާލާދީ "ދަ ހެރަލްޑް" ގައި ބުނެފައި ވަނީ އަސްކަރިއްޔާގެ ވެރިޔާއާ މުގާބޭ ބައްދަލުކުރައްވާފައި ވަނީ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި މުގާބޭ ވެރިކަމުން ފައިބައިވަޑައިގަންނަވަން ނުއުޅުއްވާ ކަމަށް މައުލޫމާތު ފެތުރިފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ރައީސް މުގާބޭ އެމަނިކުފާނުގެ އަމިއްލަ ގެކޮޅުން ރައީސްގެ ގަނޑުވަރުކޮޅަށް ވަޑައިގެންނެވީ މޮޓޯކޭޑްގައެވެ. އަސްކަރިއްޔާގެ ވެރިޔާއާ މުގާބޭ ބޭއްވި ބައްދަލުވުމުގައި އެފްރިކާގެ ބައެއް ގައުމުތަކުގެ މެދުގައި އުފައްދާފައިވާ "ސަދާން އެފްރިކަން ޑިވަލޮޕްމަންޓް ކޮމިއުނިޓީ" ނުވަތަ އެސްއޭޑީސީ ގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަސްކަރިއްޔާ އިން ބުނެފައި ވަނީ ގައުމަށް ގެނެސްފައި ވަނީ ބަޣާވާތެއް ނޫން ކަމަށާއި މުގާބޭ ހުންނެވީ ސަލާމަތާއި ރައްކާތެރިކަމާއި އެކުގައިކަމަށެވެ. އަސްކަރިއްޔާ އިން ބުނެފައި ވަނީ މުގާބޭއާ ދެކޮޅު ހަރަކާތެއް ނުހިންގާ ކަމަށާއި އަސްކަރިއްޔާއިން މަސައްކަތްކުރަނީ މުގާބޭގެ އަރިހުގައި ތިބި މުޖުރިމުން ހައްޔަރުކުރުމަށް ކަމަށެވެ. އެގޮތުން ޒިމްބާބްވޭގައި އިޖްތިމާއީ އަދި އިގްތިސާދީ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ޒިމްބާބްވޭގައި 1980 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަނީ މުގާބޭ އެވެ. ރައީސް މުގާބޭގެ 37 އަހަރުވީ ޚުދުމުޚުތާރު ވެރިކަމަށް ލޮޅުން އަރާފަދަ ހާލަތަކަށް އެގައުމުގެ ކަންކަން ގޮސްފައި މިވަނީ ނައިބް ރައީސް ކަމުގައި ހުންނެވި އެމަސަން ނަންގަގްވާ މިމަހުގެ ހަވަނަ ދުވަހު މަގާމުން ދުރުކުރައްވާފައި ވަނިކޮށެވެ. އުމުރުފުޅުން 75 އަހަރުފުޅުގެ ނަންގަގްވާ މަގާމުން ދުރުކުރެވުނީ ރައީސް މުގާބޭއަށް ފަހު އެ ގައުމުގައި ވެރިކަން ކުރައްވާނެ ބޭފުޅަކަށް މުގާބޭގެ އަނބިކަބަލުން ގްރޭސް މުގާބޭ ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވަނިކޮށް ނަންގަގްވާވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރެއްވުމުން އުފެދުނު ހިތްހަމަ ނުޖެހުމާ ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް