މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް އެންމެ ގިނައިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ރަޖިސްޓްރީ ކުރެވިފައި ވަނީ ޕްރޮކިޔުމަންޓާ ގުޅޭ މައްސަލަތައް ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އޭސީސީން ބުނީ މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 53 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު، 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 95 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ ވަޒީފާއާގުޅޭ 10 މައްސަލައެއް މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާއިރު 2016 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ވަޒީފާއާ ގުޅޭ 27 މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ގޯތިގެދޮރާއި ކުއްޔަށް ދޫކުރެވޭ ބިމާއި ރަށްތަކާ ގުޅޭ ޖުމްލަ 28 މައްސަލައެއް ރަޖިސްޓްރީ ކުރެވިފައި ވެއެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 76 މައްސަލައެއް މި އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.