އުސޫލުތަކާ ހިލާފަށް ކުޅުދުއްފުށި އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލު ނުކުރެވުމުގެ ސަބަބުން ޝަރީއަތަށް ފޮނުވައިފި އެވެ.
އެންވަޔަރަމެންޓަލް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ) އާއި އެންވަޔަރަމެންޓް މިނިސްޓްރީއާ ދެކޮޅަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރާ ޖަމިއްއްޔާއެއް ކަމަށްވާ އިކޯކެއާ އިންނެވެ.
އީކޯކެއާގެ ވަކީލު މީގެ ކުރިން ރާއްޖެއެމްވީއަށް ވިދާޅުވި ގޮތުގައި މައްސަލައިގައި އެދިފައި ވަނީ އީޕީއޭއިން އާންމުކޮށްފައިވާ އީއައިއޭ ރިޕޯޓާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ގަވައިދާ ހިލާފަށް މަސައްކަތް ކުރިއަށް ގެންދާތީ އެކަން ހުއްޓުވައިދިނުމަށް ކަމަށެވެ. އަދި ސިވިލް ކޯޓަށް އެ ޖަމިއްޔާއިން ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެއާޕޯޓް ތަރައްގީ ކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފައެވެ.
އީކޯކެއާގެ ފަރާތުން ކުޅުދުއްފުށި އެއާޕޯޓް ތަރައްގީ ކުރުމާ ގުޅޭ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ މި ހަފްތާގެ އާދިއްތަ ދުވަހު އިފްތިތާހު ކޮށްދެއްވާފައެވެ.