ރާއްޖެ އެތެރެކޮށް ވިއްކަމުންދާ މަޝްހޫރު ޖޫހެއް ކަމަށްވާ "މިނިޓް މެއިޑް ޕަލްޕީ ޖޫސް"ގެ ވަކި ބެޗެއްގެ ޖޫސްފުޅި ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭ އިން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ "މިނިޓް މެއިޑް ޕަލްޕީ ޖޫސް" ގެ ލޭބަލްގެ އިރުޝާދުގައިވާ ގޮތުން ފުޅީގެ މަތިގަނޑު ކައިރީ ލޭޒަރއިން ފުޅީގެ ކުލައާ ގާތްކުރާ ކުލައަކުން ފަނޑުކޮށް ލިޔެފައިވާ ތާރީޚަކީ އުފެއްދި ތާރީޚެވެ. ނަމަވެސް އެތާރީޚަކީ މުސްތަޤްބަލްގައި އަންނަން އޮތް ތާރީޚެއް ކަމުން އެއީ އުފެއްދި ތާރީޚް ނޫން ކަން ކަށަވަރުވާ ކަމަށެވެ. އެހެންކަމުން ލޭބަލްގައިވާ ގޮތުން މިއުފެއްދުމުގެ މުއްދަތު ހަމަވާ ތާރީޚް ޔަޤީން ނުކުރެވޭ ކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.
އެމްއެފްޑީއޭ އިން ބުނި ގޮތުގައި މިގޮތަށް އޮޅުން އަރާ ފަދަ ގޮތަކަށް ލޭބަލް ކޮށްފައި ހުރުމަކީ މިއުފެއްދުން ހަމަވުމުން ވެސް ބޭނުން ކުރުމުގެ ފުރުސަތު އޮތް ކަމަކަށް ވާތީ، އެއީ ސިއްޙަތަށް ނުރައްކާވާ ފަދަ ކަމެއް މެދުވެރި ވެދާނެ ކަމެކެވެ.
އެމްއެފްޑީއޭއިން ބުނީ އެގޮތަށް ލޭބަލް ކޮށްފައިވާ އެއުފެއްދުންތައް ބާޒާރުން ނެގުމަށާއި ނުވިއްކުމަށް ޢާއްމުކޮށް އަންގާ އިއުލާން ކުރާ ކަމަށެވެ. އަދި އެތަކެތި ބޭނުން ނުކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެއޮތޯރިޓީން ބުނީ އެއުފެއްދުމުގެ ފަހުގެ ބެޗްތަކުގައި ކަޅުކުލައިން ޕްރިންޓްކޮށް ފުޅީގެ މަތިގަނޑު ކައިރީގައި އުފެއްދި ތާރީޚް ހިމަނާފައިވާ އުފެއްދުންތައް އޭގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.
"މިނިޓް މެއިޑް ޕަލްޕީ ޖޫހަކީ" ދިވެހިންގެ މެދުގައި މަޤްބޫލް ވެފައިވާ އަދި ގިނަ ފިހާރަތަކެއްގައި މިހާރު ވިއްކަން ހުންނަ ޖޫހެކެވެ.