ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 21:44
ކެމްބޯޑިއާގެ ޚުދުމުޚުތާރު ބޮޑު ވަޒީރު ހުން ސެން
ކެމްބޯޑިއާގެ ޚުދުމުޚުތާރު ބޮޑު ވަޒީރު ހުން ސެން
ގޫގުލް
ކެމްބޯޑިއާ
ކެމްބޯޑިއާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ އިދިކޮޅު މައި ޕާޓީ އުވާލައިފި
ކެމްބޯޑިއާގެ އާންމު އިންތިޚާބު 2018 ވަނަ އަހަރު އޮންނާނެ
އިންތިޚާބަށް ބޮޑު ވަޒީރު ހުން ސެން ނިކުމެވަޑައިގަންނަވާ އިރު ވާދަވެރި ސިޔާސީ ފަރާތެއް ނެތް ފަދަ ހާލަތެއްގައި މަސްރަހު އޮތީ

ކެމްބޯޑިއާގެ މައި އިދިކޮޅު ޕާޓީ އެ ގައުމުގެ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު އުވާލައިފިއެވެ.

ކެމްބޯޑިއާގެ ނެޝެނަލް ރެސްކިއު ޕާޓީ (ސީއެންއާރްޕީ)، އެގައުމުގެ ސުޕްރީމް ކޯޓުން އުވާލާފައި ވަނީ ގައުމުން ބޭރުގެ ފަރާތްތަކާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ. ސީއެންއާރްޕީން ބުނާ ގޮތުން އެ ޕާޓީއާ މެދު ކުރާ ތުހުމަތުތަކަކީ ސިޔާސި ކުލަ ޖެހިފައިވާ ދޮގު ތުހުމަތުތަކެކެވެ. ކެމްބޯޑިއާގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކީ ވެރިކަން ކުރާ ޕާޓީގެ ސީނިއާ މެންބަރެކެވެ.

ސުޕްރީމް ކޯޓުން ވަނީ ސީއެންއާރްޕީގެ 118 މެމްބަރަކު ބުރާސްފަތި ދުވަހުން ފެށިގެން ފަސްއަހަރު ދުވަސް ވަންދެން އެއްވެސް ސިޔާސީ ހަރާކާތެއް ހިންގުން ވެސް މަނާކޮށްފައެވެ.

ކެމްބޯޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ނިސްބަތްވާ ސީއެންއާރްޕީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން މިހާތަނަށް ވަނީ ގައުމު ދޫކޮށް ގޮސްފައެވެ. އިދިކޮޅު ޕާޓީ އުވާލަން ސުޕްރީމް ކޯޓުން ނިންމީ ސަރުކާރުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ކެމްބޯޑިއާގެ ބޮޑު ވަޒީރު ކަން ކުރައްވާތާ 32 އަހަރުވެފައިވާ ހުން ސެން ވަނީ ގައުމުގެ މިނިވަން މީޑިއާތައް ބަންދުކޮށްފައެވެ. އަދި ހުން ސެން ޚުދުމުޚުތާރު ވެރިކަމުގައި ގިނަ އަދަދެއްގެ އިދިކޮޅު ފަރާތްތައް ވަނީ ޖަލަށްލާފައެވެ. ނޫނީ ގައުމުން ބޭރުގައެވެ. ސީއެންއާރްޕީގެ ފައުންޑިން މެމްބަރު ސެމް ރެއިންސީ ހުންނެވީ އަމިއްލައަށް އަރުވާލެވިގެންނެވެ.

މި އަހަރު ސެޕްޓެމްބަރު މަހު ސީއެންއާރްޕީގެ ލީޑަރު ކެމް ސޮކްހާ ވަނީ ގައުމަށް ޣައްދާރުވުމުގެ ތުހުމަތުގައި ޖަލަށް ލެވިފައެވެ. ކުށް ސާބިތުވެއްޖެ ނަމަ 30 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.  

ކެމްބޯޑިއާގެ ސުޕްރީމް ކޯޓުން އެގައުމުގެ މައި ސިޔާސީ ޕާޓީ އުވާލަން ނިންމުމާ ގުޅިގެން އެގައުމުގެ ސުޕްރީމް ކޯޓަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވާން ފަށާފައެވެ. އެގޮތުން ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައި ވަނީ "ގައުމުގެ ޑިމޮކްރަސީ މަރުވެއްޖެ" ކަމަށެވެ. ޖެނީވާގައި ހުންނަ އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖުރިސްޓްސް އިން ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަކީ "ސިޔާސީ ތިއޭޓަރެއްގެ" ނިންމުމެއް ކަމަށެވެ.

- ކޮމެންޓް