ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑޭވިޑް މެކްކިނަން ރާއްޖެ ޓީވީގެ އިސް ވެރިންނާ ބުރާސްފަތި ދުވަހު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެ ޓީވީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މެނޭޖިން ޑައިރެކްޓާ އަހްމަދު ސަލީމާއި، ޗީފް އޮޕަރޭޓިން އޮފިސަރ ހުސައިން ފިޔާޒު މޫސާ ހިމެނިވަޑައިގަންނަވައެވެ. އަދި މި ބައްދަލު ކުރެއްވުމުގައި ސަފީރު މެކްކިނަން އަރިހުގައި ކެނެޑާއިން ރާއްޖެއަށް ކަނޑައަޅާފައިވާ މިޝަންގެ ޕޮލިޓިކަލް އެންޑް އިކޮނޮމިކް ކައުންސެލަރ މިސް ޖެނިފަރ ހާޓް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލު ކުރެއްވުމުގައި ރާއްޖެ ޓީވީގެ އެމްޑީ އަހްމަދު ސަލީމް ވަނީ ރާއްޖެ ޓީވީއާ ގުޅުން ހުރި ތަފާތު މައުލޫމާތު ހިއްސާ ކުރައްވައި އެ ޓީވީ އަށް ދިމާވެފައިވާ ގޮންޖެހުންތައް ސަފީރު މެކްކިނަންއާ ހިއްސާ ކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ރާއްޖެ ޓީވީގެ ފަރާތުން، އެމްޑީ ސަލީމް ވަނީ ސަފީރު މެކްކިނަން އަށް ދިވެހި އަތްތެރި މަސައްކަތްތެރިކަން ދައްކުވައިދޭ ހާއްސަ ގަލަންކޮޅެއް އަރުވާފައެވެ.
ކެނެޑާގެ އާ ސަފީރު ޑޭވިޑް މެކްކިނަން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އެރުއްވީ ބުދަ ދުވަހުއެވެ.