ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ކުޑަކުރަން އުއްމީދުކުރާ ނަމަ މޫސުމީ މައްސަލަތައް ހައްލުކުރުމަށް ހަލުވި މިނެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޖަރުމަނުގެ ބޮންގައި ބުރާސްފަތި ދުވަހު ބޭއްވި މޫސުމަށް އަންނަ ބަދަލުތަކުގެ މުއާހަދާގެ ބައިވެރިންގެ 23 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 23) ގެ އިސްވެރިންގެ ބައްދަލުވުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ތަޤްރީރު ކުރައްވަމުންނެވެ.
އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ މިދައުރުގެ ޗެއަރމަންގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން، ކެރީބިއަން ސަރަޙައްދުގެ އެތައް ޤައުމަކަށް ކުރިމަތިލާންޖެހުނު ގެއްލުން ބޮޑު ތޫފާންތަކާއި، ކެލިފޯރނިއާއަށް ކުރިމަތިވި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކާއި، ދެކުނު އެޝިޔާގެ ޤައުމުތަކަށް ދާދިފަހުން ދިމާވި ބޮޑެތި ފެންބޮޑުވުމުގެ ހާދިސާތަކާއި އަދި އެފްރިކާގެ ޤައުމުތަކަށް ކުރިމަތިލާންޖެހިފައިވާ ހަނަފަސްކަމަކީ، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާން ނުޖެހޭ ތަނެއް ނުވަތަ ބައްރެއް ވެސް މިހާރު ނެތުމަކީ ޙަޤީޤަތެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޖައްވުގައި ހުރި ކާރބަންޑައި އޮކްސައިޑްގެ މިންވަރު މިހާރު 403 އަށްވުރެ މަތިވެފައިވާ ކަމަށް ސައިންސްވެރިން ހާމަކުރާ ކަމަށާއި، މިއީ ވޭތުވެދިޔަ އެތައް މިލިޔަން އަހަރަކު ވެސް މަތިނުވާ މިންވަރެއް ކަމަށެވެ. ވުމާ އެކު ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް މިހާރަށް ވުރެ އެތައް ގުނައެއް މަސައްކަތް އިތުރުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެހެންމެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި އަވަސް އަދި ހަރުދަނާ ފިޔަވަޅުކަތެއް އަޅަންޖެހޭ ކަމަށާއި މިގޮތުން ހަކަތަ އުފެއްދުމުގައި އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް އަވަސް ކުރުމާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.
މިމަސައްކަތަކީ، ފަސޭހަ ކަމެއް ނޫން ކަމަށާއި ވަކިން ޚާއްސަކޮށް، ތާރީޚީ ގޮތުން ޖައްވަށް އެންމެ ގިނަ ޢަދަދަކަށް ވިހަ ގޭސް ބޭރުކުރާ ޤައުމު ކަމަށްވާ އެމެރިކާ، ޕެރިސް އެގްރީމަންޓުން ވަކިވާން ނިންމާފައިވާ މިފަދަ ދަނޑިވަޅެއްގައި މިއީ އުނދަގޫ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މިފަދަ ކަންކަމަކީ، މިމަސައްކަތަށް (މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މަސައްކަތްތަކަށް) މުޅިންއާ ކަމެއް ނޫން ކަމަށާއި، މިއީ އަޅުގަނޑުމެންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ބާރަށް ކުރިޔަށް ދިއުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ބަލައިގެން ކުރިޔަށް ދިއުމުގެ މުހިއްމު ކަމަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރަން އަދި ލަސް ނުވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ވަރަށް ގިނަ ޤައުމުތަކުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަމުން އަންނަ ކަމަށާއި މޫސުމާ ބެހޭ ބައްދަލުވުން ބޭއްވޭ ޤައުމު ކަމަށްވާ ޖަރުމަނުގައި މިއަހަރު ކުރީކޮޅު ވެސް ބޭނުންކުރި ކަރަންޓްގެ 35 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފެއްދި ކަރަންޓް ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މުޢާހަދާގެ ތާރީޚްގައި މިއީ ފުރަތަމަ ފަހަރަށް ކުދި ޖަޒީރާ ޤައުމަކުން މިމުޢާހަދާގެ ރިޔާސަތު ބަލަހައްޓާ ދައުރު ކަމަށްވެފައި މިކަމުގައި ފިޖީގެ ފަރާތުން ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަން އެބަ އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.