ސިޔާސީ މަޤާމްތަކުގައި ތިބި މީހުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކާއި އެމީހުންނަށް ރައްޔިތުންގެ ފައިސާއިން ކުރަމުންދާ ހޭދަ ހާމަކޮށްދިނުމަށް އެދި އަދާލަތު ޕާޓީން، ފިނޭންސް މިނިސްޓަރު އަޙުމަދު މުނައްވަރަށް ސިޓީއެއް ފޮނުވައިފިއެވެ.
އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ސޮއިކުރައްވައި ފިނޭންސް މިނިސްޓަރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް އައިސްފައިވާ ކުރިއެރުމާއި ޒަމާނީ ވެރިކަން ހިންގުމުގެ ނިޒާމުގެ އެންމެ މުހިންމު އެއްބަޔަކީ އިޤްތިސާދީ ދާއިރާއިން އައިސްފައިވާ ބަދަލުތަކެވެ. އަދި އިހުޒަމާނުގައި މުޅި ދައުލަތަކީ، ރަދުންނާއި ރަދުންގެ ޚާންދާނާއި އަދި ރަދުންގެ އަރިސް ބޭކަލުންގެ ތަރިކަމުދާ ކަމުގައި ބެލެވިފައި އޮތް ގޮތާއި ޚިލާފަށް، ދިވެހިން މިއަދު ބަލައިގަނެ، އެއަށް ޤާނޫނުއަސާސީގެ ތެރެއިން ޤާނޫނީ ބާރުވެރިކަން ދީފައިވާ ވެރިކަން ހިންގުމުގެ ނިޒާމުގައި ދައުލަތުގެ މާލިއްޔަތާއި އަދި މުއްސަނދިކަމަކީ ސީދާ ރައްޔިތުންގެ މިލްކެއް ކަމަށް ސިޓީގައި ބުނެފައި ވެއެވެ.
އަދާލަތުން ބުނީ ދައުލަތުގެ ޚަރަދުބަރަދު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އެޅިފައި ވަނީ ވެސް ރައްޔިތުންގެ ބޮލުގައި ކަމަށާއި އެގޮތުން ޑިއުޓީ އާއި ޓެކްސްގެ ގޮތުގައި ދައުލަތް ހިންގުމަށް ކޮންމެ ދުވަހަކު ވެސް ރައްޔިތުން އެތައް ހޭދައެއްކުރާ ކަމަށެވެ. ކުރިޔަށް އޮތް 2018 ވަނަ އަހަރު ރައްޔިތުންގެ އަތުން 16.3 ބިލިއަން ރުފިޔާ ހަމައެކަނި ޓެކްސްގެ ގޮތުގައި ނަގާނެ ކަމަށް އަންދާޒާކޮށް 2018 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އިރު ދައުލަތުގެ ބަޖެޓުގެ 57.5% އަކީ ރިކަރަންޓް ޚަރަދު ކަމަށް ވަނީ ބުނެފައެވެ.
"އެ ރިކަރަންޓް ޚަރަދުގެ އެންމެ ބޮޑު ބަޔަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަޔަށް ހޭދަކުރާ ފައިސާކަމަށް ވުމުގެ އިތުރުން، ސަރުކާރު ހިންގުމަށްޓަކައި ރައްޔިތުންގެ ފައިސާއިން ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ކުރަންޖެހޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 6.6% އިތުރު މިންވަރެއްކަމުގައިވާ ހިނދު، މިއިތުރުވާ މިންވަރާއި އަދި ދުވަހެއް ދުވަހަކަށް ދައުލަތުގެ މުސާރައަށް ކުރަމުން އަންނަ ހޭދަ އިތުރުވަމުން އަންނަ އައުން ސާބިތުކުރުމަށްޓަކައި ސިވިލްސާވިސްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އަންނަނީ ކަމުގެ އަޑު މަނިކުފާނާއި މަނިކުފާނުގެ ސަރުކާރުން އަންނަނީ ފަތުރަމުން ކަމަށް" އަދާލަތުން ފިނޭންސް މިނިސްޓަރަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.
ނަމަވެސް ޢަދާލަތު ޕާޓީގެ ކަންބޮޑުވުމަކީ ސަރުކާރު ހިންގުމަށްޓަކައި ސީނިއާ މިނިސްޓަރުންނާއި، މިނިސްޓަރުންނާއި، މިނިސްޓަރުން ފެންވަރުގެ އެހެން މަޤާމުތަކާއި، ސްޓޭޓް މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުން ފެންވަރުގެ މަޤާމުތަކާއި، ޑެޕިޔުޓީ މިނިސްޓަރުންނާއި، ޑެޕިޔުޓީ މިނިސްޓަރުން ފެންވަރުގެ މަޤާމުތަކާއި އަދި އެކި ފަންތިތަކުގެ ކޯޑިނޭޓަރުންނާއި އަދިވެސް މި ބާވަތުގެ ގޮތް ނޭނގޭ އެކިއެކި ނަންނަމުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ސިޔާސީ މަޤާމުތަކުގެ އަދަދު ހާހުންގުނެމުންދާއިރު އެ މަޤާމުތަކާއި އަދި އެ މަޤާމުތަކަށް އައްޔަންކޮށްފައިވާ މީހުންނާއި އެމީހުންގެ މައްސޫލިއްޔަތުތަކާއި އަދި އެފަރާތްތަކުގެ މުސާރަޔަށް ރައްޔިތުންގެ ފައިސާއިން ކުރަނީ ކިހާ ޚަރަދެއްކަން އެނގެން ނެތުން ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސިޔާސީ މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތްތަކުގެ ކޮރަޕްޝަނާއި ވައްކަމާއި އަދި ނާޤާބިލުކަމާ ހުރެ ކޮންމެ އަހަރަކު ރައްޔިތުންގެ ބޮލުގައި އެތައް ބިލިޔަން ރުފިޔާގެ ދަރަނި އެޅެމުންދާތީ ސަރުކާރުގެ ސިޔާސީ މަޤާމުތަކާއި އެމަޤާމުތަކުގައި ތިބި މީހުންނާއި އެފަރާތްތަކާއި ޙަވާލުކޮށްފައިވާ ޒިންމާތަކާއި އެފަރާތްތަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ރައްޔިތުންގެ ފައިސާއިންކުރާ ހޭދަ ރައްޔިތުންނަށް އެނގޭނެހެން އާންމުކުރެއްވުމަށް ދަންނަވާ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.
ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ރައްޔިތުންގެ މުދަލާއި ފައިސާ ދެފުށްފެންނަ ނިޒާމެއްގެ ދަށުން އާންމުކުރުމެއް ނެތި އޮޅުވާލައިގެން މަކަރާއި ހީލަތުން ރައްޔިތުންގެ މާލިއްޔަތު ނިގުޅާގަތުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ ސިފައެއްނޫން ކަމަށާއި އެއީ އިސްލާމީ ވެރިކަމުގެ އަދުލުވެރި އުސޫލުތަކާވެސް ކަނޑައެޅިގެން ދެކޮޅުކަމެއް ކަމަށް އަދާލަތުން ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.
ޢަދާލަތުން ބުނީ މިހާރު މިހިނގާމަގުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނު އައްޔަންކޮށްފައިތިބޭ ބަޔަކު ޤައުމުގެ މުއްސަނދިކަން ނާޖާއިޒުގޮތުގައި ނިގުޅަމުންދިޔުމަކީ ބޭރުގެ އިސްތިޢުމާރީ ބާރަކުން ޤައުމަށް އަރާ ރައްޔިތުންގެ މާލިއްޔަތު ފޭރިގަތުމާ އެއްވެސް ތަފާތެއް ހުރި ކަމެއް ކަމުގައި ރައްޔިތުން ނުދެކޭނެ ކަމަށެވެ.