އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އަކީ ޔޫރަޕްގެ ގައުމުތަކުގެ ނުފޫޒާ އެކު ގައުމުތަކުގައި "ހަންފަތުރަމުންދާ" ބައެއް ކަމަށް މިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީއަށް ބަޖެޓާ ގުޅޭ މައުލޫމާތު ދެއްވުމަށް ވަޑައިގެން މުނައްވަރު މިހެން ވިދާޅުވީ، އައިއެމްއެފުން ރާއްޖެއާ ގުޅޭ ގޮތުން ކޮށްފައިވާ ދިރާސާ ރިޕޯޓުގައި ބުނާ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ބަޖެޓްގައި ބުނާ އިގްތިސާދީ ހާލަތާ ދިމާނުވެ، ބަޖެޓްގައި ޖަހާފައިވާ އަދަދުތައް ވެސް ދިމާނުވާ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވުންމެވެ.
"އެބޭފުޅުން (އައިއެމްއެފުން) އަޅުގަނޑުމެންނަށް ޖެއްސި ޕްރޮގްރާމަކުން ކިހިނެއްތޯވީ. އަޅުގަނޑުމެންގެ ސިވިލް ސާރވިސްގެ މުވައްޒަފުންގެ މުސާރަ ކުޑަވެގެންނޭ ދިޔައީ. އެކުޑަވި މުސާރަ މިސަރުކާރުންނޭ ދިނީ އިނގޭތޯ،" މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް އިގްތިސާދީ ގޮތުން ކުރިއަށް ދިއުމަށް ރާއްޖޭގައި "ޓެކްނިކަލް ކެޕޭސިޓީ" އެބަހުރި ކަމަށެވެ. އަދި އައިއެމްއެފުން ދައްކާ ވާހަކައަށް "ޗެލެންޖު" ކުރެވޭނެ ކަމަށެވެ.
"ރާއްޖޭގެ އިދްތިސާދު ކުރިއަރަމުންދާއިރު އިޖުތިމާއީ އަދި ސިޔާސީ ހަމަޖެހުން ވަރަށް މުހިއްމު. އަޅުގަނޑުމެންނަށް އިގްތިސާދީ ހަމަޖެހުން ގެނެވޭނީ ސިޔާސީ ހަމަޖެހުން ގެނެވިގެން،" މުނައްވަރު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ގޮތުގައި ދެމެހެއްޓޭނީ ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތައް ނައްތާލައިގެން ކަމަށް މިނިސްޓަރު މުނައްވަރު ވިދާޅުވިއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފިޔަވައި، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންގެ މައްޗަށް ޖިނާއީ ދައުވާތައްކޮށް ވަނީ ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. މީގެ އިތުރުން ވެސް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ޖިނާއީ ދައުވާތައް ކުރަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގައި ވެސް އެކަށީގެންވާ މަސައްކަތެއް ކުރެވިގެންދާތަނެއް ނުފެނެއެވެ.