އަންގާރަ ދުވަހު ހަވީރު ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކުޑަ ކުއްޖަކު ޖުވެނައިލް ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މާރާމާރީއާ ގުޅިގެން ފުލުހުން ހައްޔަރު ކުރި މީހުންނަށް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށެވެ. އަދި މުއްދަތު ޖެހުމަށް ޖުވެނައިލް ކޯޓަށް ގެންދިއުމުން އެއް ކުއްޖަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި ޖުވެނައިލް ކޯޓުން ދޫކޮށްލާފައި ވަނީ އަންގާރަ ދުވަހު ފަރީދީ މަގުގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރި 18 އަހަރުން ދަށުގެ ކުއްޖެކެވެ.
ފަރީދީ މަގުގައި ހަވީރު 5:50 ހާއިރު ހިނގި މިމާރާމާރީގައި ދެ މީހަކަށް އަނިޔާވެ، އައިޖީއެމްއެޗަށް ގެންދެވުނު ކަމަށް ފުލުހުން ބުންޏެވެ.
އެ މާރާމާރީއާ ގުޅިގެން މ. ސީނުއަސުރުމާގޭގައި ހަރަކާތްތެރިވެ ބަޔަކު ހައްޔަރުކޮށްފައިވާއިރު ހައްޔަރުކޮށްފައި ވަނީ ކިތައް މީހުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ވީޑިއޯތަކުން ފެންނަ ގޮތުގައި ހަ މީހަކު ހައްޔަރުކޮށްގެން ގެންދެއެވެ.