ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 15:01
ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ކުރުމަށް ފަހު ޕެރޫގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ކުރުމަށް ފަހު ޕެރޫގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ހިންދުސްތާނީ ޓައިމްސް
ފީފާ ވޯލްޑް ކަޕް 2018
ވޯލްޑް ކަޕުގެ ފަހު ޓިކެޓް ޕެރޫއަށް
ޕެރޫއިން ވޯލްޑް ކަޕުގެ ފަހު ޖާގަ ހޯދާފައިވަނީ 2-0 ގެ އެގްރިގޭޓް ނަތީޖާއަކުން ނިއުޒިލޭންޑު ބަލިކޮށްގެން
ޕެރޫއިން ވަނީ 1982 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ކޮށްފަ

އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕުގެ ފަހު ޓިކެޓް ޕެރޫއިން ހޯދައިފިއެވެ.

ޕެރޫއިން ވޯލްޑް ކަޕުގެ ފަހު ޖާގަ ހޯދާފައިވަނީ 2-0 ގެ އެގްރިގޭޓް ނަތީޖާއަކުން ނިއުޒިލޭންޑު ބަލިކޮށްގެންނެވެ. ޕެރޫ ޕްލޭއޮފްއަށް ކޮލިފައިވީ ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕުގެ ފަސް ވަނަ ހޯދައިގެންނެވެ. އަދި ނިއު ޒިލޭންޑް ޕްލޭއޮފްގެ ޖާގައެއް ހޯދީ އޯޝޭނިއާގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި ދެ ޓީމު ނިއުޒިލޭންޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ވޯލްޑް ކަޕުގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ޕެރޫގައި ކުޅުނު ދެވަނަ ލެގުގެ މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ޕެރޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ނިއުޒިލޭންޑުގެ ހަމަލާތައް ހުއްޓުވާފައެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖެފަސަން ފާފަން އެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޕެރޫއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ކްރިސްޓިއަން ގުއިލާމޯ ރާމޯސްއެވެ. މި ލަނޑާއެކު ޕެރޫއިން ވަނީ 1982 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި މެޗަށް ނިއު ޒިލޭންޑު ނުކުތީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދުމުގެ އުއްމީދުގައެވެ.

ރެފްރީގެ އެންމެ ފަހު ކަށިގަނޑާއެކު ޕެރޫގެ ސަރުކާރުން ވަނީ ބުރާސްފަތި ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައެވެ. ޕެރޫގެ ރައްޔިތުން އަންނަނީ މި ކާމިޔާބުގެ އުފާ ފާޅުކުރަމުންނެވެ.

ދުނިޔޭގެ ރޭންކިންގެ 10 ވަނައިގައި މިވަގުތު ރޭންކު ކުރެވިފައި އޮތް ޕެރޫ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕަށް ކޮލިފައިވި 32 ވަނަ ޓީމަށެވެ. އެގޮތުން ވޯލްޑް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތު އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ރަޝިއާގެ މޮސްކޯގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް