ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 14:45
އާސެނަލްގެ ކޯޗު އާސެން ވެންގާ - އޭނާ ވަނީ އެ މަގާމު ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތެއް ދީަފައި
އާސެނަލްގެ ކޯޗު އާސެން ވެންގާ - އޭނާ ވަނީ އެ މަގާމު ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތެއް ދީަފައި
ޓްވިޓަރ
އާސެން ވެންގާ
ކޮންޓްރެކްޓް ހަމަވުމުގެ ކުރިން މަގާމު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ވެންގާ ދީފި
އޭނާ އެ މަގާމުން ވަކިކުރުމަށް އާސެނަލްގެ ސަޕޯޓަރުން ވަނީ އިހުތިޖާޖު ކޮށްފަ
ދެ އަހަރުގެ ކޮންޓްރެކްޓެއް އޮތް ކަމުގައި ވިޔަސް ބޯޑުން އޭނާ ވަކިކުރަން ނިންމައިފިނަމަ އޭނާ އެ ކަމަކާއި ދެކޮޅު ނަހަދާނެ ކަމަށް ވެންގާ ބުނި

ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އާސެނަލްގެ ކޯޗުކަމުގެ މަގާމު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ކޯޗު އާސެން ވެންގާ ދީފިއެވެ.

މިދިޔަ ސީޒަނުގެ ފަހުކޮޅު އާސެނަލް އާއިއެކު އޭނާ އާ އެއްބަސްވުމެއްގައި ސޮއިކުރިއިރު މި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2019 ވަނަ އަހަރުއެވެ. މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ލަދުވެތި ނަތީޖާއަކުން ބަލިވުމުން އޭނާ އެ މަގާމުން ވަކިކުރުމަށް އާސެނަލްގެ ސަޕޯޓަރުން ވަނީ އިހުތިޖާޖު ކޮށްފައެވެ. މި އިހުތިޖާޖު މިދިޔަ ސީޒަން ނިމެންދެން ވަނީ ދިގު ދެމިގެން ގޮސްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ވަނަ އާސެނަލްއަށް ލިބުނުއިރު އެ ނަތީޖާ އާއިއެކު އެ ޓީމަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިފައެއް ނުވެއެވެ. ސަޕޯޓަރުންގެ ހިތްހަމަނުޖެހުމާއެކު ވެސް ވެންގާ ވަނީ އާސެނަލްއަށް އިނިގިރޭސި އެފްއޭ ކަޕް މިދިޔަ ސީޒަނުގައި ކާމިޔާބު ކޮށްދީފައެވެ. ނަތީޖާއެއްގެ ގޮތުން އެ ކްލަބުގެ މެނޭޖްމަންޓުން ވަނީ އިތުރު ދެ އަހަރު ވަންދެން އޭނާ އެ ކްލަބުގައި މަޑުކުރުވާފައެވެ.

މި ސީޒަނުގައި ވެސް އާސެނަލްއިން ދަށް ނަތީޖާތަކެއް ހޯދަމުން އަންނައިރު 'ބީން ސްޕޯޓްސް' އަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުނެފައިވަނީ ކޮންމެ ސީޒަނެއް ނިންމުމަށް ފަހު ކްލަބުގެ ބޯޑާއި މަޝްވަރާ ކުރާ ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ދެން ކުރިޔަށްދާނެ ގޮތެއް ހޯދާނެ ކަމަށާއި ނަތީޖާ ރަނގަޅު ކުރުމަށް ހިޔާލު ބަދަލު ކުރާ ކަމަށް ވެންގާ ބުނެފައިވެއެވެ.

ވެންގާ ބުނެފައި ވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއް އޮތް ކަމުގައި ވިޔަސް ބޯޑުން އޭނާ ވަކިކުރަން ނިންމައިފިނަމަ އޭނާ އެ ކަމަކާއި ދެކޮޅު ނަހަދާނެ ކަމަށެވެ. އެހެން ކަމުން އޭނާގެ ކުރިމަގާއި މެދު ގޮތެއް ނިންމާނީ ކްލްބުގެ ބޯޑުން ކަމަށް ވެންގާ ވަނީ ބުނެފައެވެ.

ވެންގާ ބުނެފައިވަނީ އާސެނަލްގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އެލެކްސިސް ސަންޗޭޒް އާއި މެސުތް އޮޒިލްގެ ކުރިމަގާއި މެދު އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ގޮތެއް ނިމިގެން ދާނެ ކަމަށެވެ. މި ދެ ކުޅުންތެރިން ވެސް އާސެނަލް އާއިއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ނިމޭއިރު ޖެނުއަރީ މަހުގެ ކުރިން އެއްބަސްވުން އާ ނުކޮށްފިނަމަ ހިލޭ އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އެ ދެ ކުޅުންތެރިންނަށް ވެސް އޮންނާނެއެވެ.

ވެންގާ އާސެނަލްގެ ކޯޗުކަމާއި ހަވާލުވެފައި ވަނީ 1996 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 1193 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ 687 މެޗުންނެވެ. ބާކީ 272 މެޗުން އެ ޓީމު އެއްވަރުވިއިރު 234 މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. ވެންގާ ވަނީ އާސެނަލްއަށް ތިން ފަހެރެއްގެ މަތިން އިނގިރޭސި ޕްރިމިއާ ލީގު ހޯދައިދީފައެވެ. އަދި އޭނާގެ އިރުޝާދު ދަށުން އެ ޓީމުން ވަނީ ހަތް ފަހަރެއްގެ މަތިން އެފްއޭ ކަޕް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް