ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލަ ސިވިލް ކޯޓުން ބަލައިގަނެފި އެވެ.
ފަސް ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރީ، މިއަހަރުގެ ޖުލައި 28 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "މިރައީސް" ޕްރޮގުރާމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ޖޫރިމަނާ ކުރި މައްސަލައިގައި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މައްޗަށް ރާއްޖެޓީވީއިން ފުރަތަމަ ދައުވާކުރީ މިއަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު އެވެ. ރާއްޖެޓީވީއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، ޖޫރިމަނާކުރީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލު ނަގައި ދިނުމަށެވެ.
މީގެ އިތުރުން، ޝަރީއަތުން އެ މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން، ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރަކަށް ވެސް ރާއްޖެޓީވީއިން އެދުނެވެ.
އެހެން ނަމަވެސް، ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަނެފަ އެވެ. ކޯޓުން ބުނީ، މި މައްސަލައަކީ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ ޖޫރިމަނާއެއްގެ މައްސަލައަކަށްވާއިރު، އެ ގާނޫނުގެ ދަށުން އިސްތިއުނާފު ކުރެވޭނީ ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހުގައި ކަމަށެވެ.
އެހެންކަމުން، ރާއްޖެޓީވީއިން ވަނީ ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހު، ދެވަނަ ފަހަރަށް އެ މައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ. ބުރާސްފަތި ދުވަހު ކޯޓުން ވަނީ މައްސަލަ ބަލައިގަނެ، ކޯޓުގައި ރަޖިސްޓްރީ ކޮށްފަ އެވެ.
ރާއްޖެޓީވީ ޖޫރިމަނާކުރީ، ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކުރުމަށް ގޮވައިލައްވާ މެންބަރު މުސްތަފާ ދައްކަވާފައިވާ ވާހަކައަކީ، ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ދައްކަވާފައިވާ ވާހަކައެއް ކަމަށް ބުނެ އެވެ.
މީގެ އިތުރުން، އޭރު މުސްތަފާ ދެއްކެވި ވާހަކައަކީ ރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކައެއް ކަމަށާއި ގާނޫނު އަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކައެއް ކަމަށް ވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފައިވެއެވެ.
ޖޫރިމަނާކުރުމާއި ގުޅިގެން ރާއްޖެޓީވީއިން ނެރުނު ނޫސްބަޔާނުގައިވާ ގޮތުގައި، އެ ފިޔަވަޅަކީ ރާއްޖެ ޓީވީ އަށް އަނިޔާވެރި ވުމަށް ސިލްސިލާކޮށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއަށް އިތުރުވި ބޮޅެކެވެ. އަދި ބްރޯޑްކާސްޓިންގ ކޮމިޝަން އިންސާފުގެ ހަމައިން ނެއްޓިފައިވާކަމާއި، މައްސަލަތައް ބެލުމުގެ ގާބިލްކަމެއް ކޮމިޝަނުގައި ނެތްކަން އެ ކޮމިޝަންގެ ކޮންމެ ނިންމުމަކުން ހާމަވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލައިގެ އިތުރުން، ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލައާއި އެއް މިލިއަން ރުފިޔާއިން ޖުރިމަނާ ކުރި މައްސަލަ ވެސް ސިވިލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.