އެމްއެމްޕީއާރްސީގެ ފައިސާގެ އަލާމާތްތައް މާލެތެރެއިންނާއި މާލޭގެ މަލަމަތިން ފެންނަމުންދާކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުގައި މިހާރު ދިރިއުޅުއްވާ ޑރ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެދުވަހު ރައީސް ޔާމީނަށް ދިން ލަފާ އަޑު އެއްސެވިނަމަ ޤައުމަށް މިވަރުގެ ބޮޑު ގެއްލުމެއް ނުދެވުނީސް"ކަމަށެވެ. ޑރ ޖަމީލް އިޝާރާތް ކުރައްވާފައިވަނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ޚިޔާނާތުގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު 721 މިލިއަން ރުފިޔާއަށް އަރާފައިވާ މައްސަލައަށެވެ. ޑރ. ޖަމީލް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުލަތަށް ލިބުނު ގެއްލުމަކީ ރައީސް ޔާމިން "ބަސް ޤަބޫލުނުކުރެއްވުމުގެ ސަބަބުން ލިބުނު އިއާދަނުކުރެވޭނެ ގެއްލުމެއް"ކަމަށެވެ. އަދި އެފައިސާގެ އަލާމާތްތައް މާލެތެރެއިންނާއި މާލެ މަލަމަތިން ފެންނަމުންދާ ކަމަށް ޖަމީލް ވިދާޅުވިއެވެ. އެހެން ނަމަވެސް އިތުރު ތަފްޞީލެއް އެމަނިކުފާނު ދެއްވާފައެއް ނުވެއެވެ.
Edhuvahu Raees Yameen ah dhin lafaa adu essevinama gamumah mivaruge bodu gellumeh nudhevunees. Miee bas gabool nukurevvumuge sababun libunu iyaadha nukureveyne gellumeh. Mi faisaage alaamaai Male’ therein adhi Male’ malamathin fennamun ebadhey. https://t.co/UJRcVSaCwv
— Mohamed Jameel Ahmed (@MJameelAhmed) November 15, 2017
އެމްއެމްޕީއާރްސީގެ ތެރެއިން ބިލިއަނަކަށް ވުރެ ގިނަ ދިވެހި ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އެފައިސާ ހޯދުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އަދި އޭރު ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ އެކަންކަން އޭރު ހިނގަމުންދިޔަ ވާހަކަ ރައީސް ޔާމީނަށް ދެންނެވިކަމަށް ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޑރ ޖަމީލްގެ އިތުރުން އޭރުގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.