ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރަށް ބާއްވަން ނިންމާފައިވާ ޖަލްސާ ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފި އެވެ.
"ބަހާރެކޭ" ގެ ނަމުގައި ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމާފައި އޮތް ޖަލްސާ ހުކުރު ދުވަހުގެ ރެއަށް ފަސްކުރީ މޫސުުން ގޯސްވުމުގެ ސަބަބުންނެވެ.
ޖަލްސާ ފަސްކޮށްފައިވާކަން ހާމަކުރުމުގެ ގޮތުން ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޖަލްސާ ފަސްކުރަން ޖެހުނީ ބުރާސްފަތި ދުވަހުގެ ރޭ ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ޖަލްސާ ބާއްވާނީ މޫސުން ތަންދޭ ނަމަ ކަމަށެވެ.
މި ހަފްތާ ފެށުނީއްސުރެ، ގަދަ ވަޔާއެކު މާލެ ހިމެނޭ ސަރަހައްދަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ބުރާސްފަތި ދުވަހުގެ އިތުރުން، ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް މާލެ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވާނެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ރައީސް ޔާމީން ގައުމާއި މުޚާތަބު ކުރައްވާނެ ކަމަށެވެ. އަދި އެ ޖަލްސާއިން އުފާވެރި ޚަބަރުތަކެއް ލިބިގެންދާނެ ކަމަށާއި އެ ޖަލްސާ ވެގެންދާނީ އުންމީދުން ފުރިގެންވާ ޖަލްސާއަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ޔާމީން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ މަގާމުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހަށެވެ.