ދ އަތޮޅު ދޫރެސް ރިޒޯޓުން ނައްޓާލަން އުޅުމުގެ ތެރޭގައި، އެކްސިޑެންޓެއް ހިނގައި، މޯލްޑިވިއަންގެ ސީޕްލޭނެއް އެއްބައި އަޑިއަށް ހިނގައްޖެއެވެ. އައިލެންޑް އޭވިޝަންގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް ވިދާޅުވީ ކަނޑަށްޖައްސާ މަތިންދާބޯޓަށް އެކްސިޑެންޓެއް މެދުވެރިވީ ބޯޓު ނައްޓާލިވަގުތު ކަނޑުމަތީގައި އޮތް އެއްޗެއްގައި ޖެހި، ބޯޓުގެ ކަނދެއް ބުރައިގެން ދިޔުމުން ކަމަށެވެ. 12 ފަސިންޖަރުންނާއި 3 ފަޅުވެރިން މިބޯޓުން ދަތުރުކުރިއިރު، އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެންމެން މިހާރު ސަލާމަތްކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި މަތިންދާބޯޓުގެ އެއްބައި އޮތީ މޫދު އަޑީގައެވެ.
މީގެ މަހެއްހާ ދުވަސްކުރިން ވެސް މޯލްޑިވިއަންގެ ސީޕްލޭންއެއް ލޭންޑްކުރަން އުޅުމުގެ ތެރޭގައި ހުޅުލޭ ފަޅުތެރެއަށް ކްރޭޝް ލޭންޑްކުރަން ޖެހުނެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ސިފައިން އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.