ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 14:38
ލަލީގާގެ ރެފްރީއަކު ބާސާގެ ކުޅުންތެރިޔަކަށް ކާޑެއް ދައްކަނީ
ލަލީގާގެ ރެފްރީއަކު ބާސާގެ ކުޅުންތެރިޔަކަށް ކާޑެއް ދައްކަނީ
އަޒުމޫން އަހުމަދު
ސްޕެނިޝް ލަލީގާ
ލަލީގާގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ ބޭނުން ކުރަން ފަށަނީ
ވީޑިއޯ އެސިސްޓަންޓް ރެފްރީގެ ޓްރަޔަލް ނުވަތަ ޓެސްޓްތަކެއް ވަރަށް އަވަހަށް ބާއްވާނެ
ވީއޭއާރްއަކީ މިވަގުތު ފީފާގެ އެއްވެސް ގަވާއިދެއްގައި ނުހިމެނޭ ކަމެއް

އަންނަ ސީޒަނުން ފެށިގެން ސްޕެނިޝް ލަލީގާގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުން ކުރަން ނިންމާފައިވާ ކަމަށް ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ހާމަކޮށްފިއެވެ.

ލަލީގާގެ ކުރިމަގާއި ބެހޭގޮތުން ބޭއްވި ބައްދަލުވުމެއްގައި އެ ލީގުގެ ރައީސް ހަވިޔާ ޓޭބާސް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ރޯޔަލް ސްޕެނިޝް ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންނަ ސީޒަނުން ފެށިގެން ވީޑިއޯ އެސިސްޓަންޓް ރެފްރީ ބޭނުން ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ އިދާރާގައި ރެޖިސްޓަރ ކޮށްފައިވާ ހުރިހާ ރެފްރީންނަށް އެކަން އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. ހަމައެހެންމެ ވީއޭއާރް ތަޖުރިބާ ކުރުމުގެ ޓެސްޓްތަކެއް ވަރަށް އަވަހަށް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އަންނަ ސީޒަނުން ފެށިގެން ވީޑިއޯ އެސިސްޓަންޓް ރެފްރީ ބޭނުން ކުރަން ފެށުމާއެކު އިންސާފުވެރިކޮށް މެޗުގައި ހިނގާ ކަންކަން ނިންމުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވެގެން ދާނެއެވެ.

ވީޑިއޯ އެސިސްޓަންޓް ރެފްރީއަކީ މެޗުގެ އިސް ރެފްރީ ނިންމާ ނިންމުންތަކަކީ އެންމެ ރަނގަޅު ނިންމުންތޯ ވީޑިއޯ ރިޕްލޭ މެދުވެރިކޮށް ކަށަވަރު ކުރާ ރެފްރީއެކެވެ. ހެޑް ފޯނެއް މެދުވެރިކޮށް ވީޑިއޯ އެސިސްޓަންޓް ރެފްރީ އާއި އިސް ރެފްރީ ދެމެދު ވާހަކަ ދެކެވެއެވެ. އަދި ވީޑިއޯ ރިޕްލޭ ބެލުމަށް ފަހު އިސް ރެފްރީގެ ނިންމުންތައް ބަދަލުކުރުމުގެ ފުރުސަތު ވީޑިއޯ އެސިސްޓަންޓް ރެފްރީއަށް އޮންނާނެއެވެ.

ވީޑިއޯ އެސިސްޓަންޓް ރެފްރީންނަށް ބާރު ފޯރުވެނީ އިސް ރެފްރީ ނިންމާ ނިންމުންތަކުގެ ތެރެއިން ހަތަރު ވައްތަރެއްގެ ނިންމުމަކަށެވެ. އެއީ ޕެނަލްޓީގެ ނިންމުންތަކާއި ސީދާ ރަތް ކާޑު ދެއްކުމާއި ގޯލު ޖެހުމުގައި އެއްވެސް ގަވާއިދަކާއި ހިލާފުވެފައިވޭތޯ ބެލުމުގެ އިތުރުން ކާޑު ދެއްކުމުގައި ގޯސް ކުޅުންތެރިޔަކަށް ކާޑު ދެއްކިފައިވޭތޯ ބެލުމެވެ.

ސްޕެއިންގައި ރެފްރީންގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައަކަށް ވާއިރު ބޮޑެތި ޓީމުތަކުގެ ކޮޅަށް، ރެފްރީން މައްސަލަ ނިންމާ ކަމަށް އަބަދު ވެސް ތުހުމަތުތައް ކުރެވެއެވެ. އެގޮތުން ސްޕެނިޝް ލަލީގާގައި ކުޅޭ ވަރަށް ގިނަ ކުޅުންތެރިން ވެސް ރެފްރީންނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.

ލަލީގާގައި ވީޑިއޯ އެސިސްޓަންޓް ރެފްރީން ބޭނުން ކުރަން ނިންމާފައިވާއިރު ކެޓަލޯނިއާއިން މިނިވަންކަން އިއުލާނުކުރުމާއެކު އެ ލީގުގެ ކުރިމަގު ވަނީ ވަރަށް ބޮޑަށް ބަނަވެފައެވެ. އެގޮތުން މީގެކުރިން ލަލީގާގެ ރައީސް ބުނެފައި ވަނީ ކެޓަލޯނިއާ މިނިވަންވެއްޖެ ނަމަ ލަލީގާގައި ކުޅުމުގެ ފުރުސަތު ބާސާއަށް ނުލިބޭނެ ކަމަށެވެ. އެހެނަސް އަދި އެ ލީގުން މިކަމާއި ގުޅޭގޮތުން ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

ވީއޭއާރްއަކީ މިވަގުތު ފީފާގެ އެއްވެސް ގަވާއިދެއްގައި ނުހިމެނޭ ކަމަކަށްވާއިރު އިޓަލީގެ ލީގުގެ އިތުރުން ޖަރުމަނުގެ ބުންޑެސްލީގާގައި ވެސް އަންނަނީ ވީއޭއާރް ތަޖުރިބާ ކުރަމުންނެވެ. ވީއޭއާރް ބޭނުންކުރުމުގައި ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުރުން ކޯޗުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުޅެއެވެ.

- ކޮމެންޓް