މީގެ ކުރިން މަގުމަތީ ކޯޓު ހަދައިގެން އިދިކޮޅު އެމްޑީޕީން އުޅުނު ކަމަށާއި މިއަދު އިދިކޮޅު ފަރާތްތަކުން އަމިއްލަ ގެއެއްގައި ރައްޔިތުންގެ މަޖިލިސް ހިންގަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން މޫސަ އެގޮތަށް ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން މ. ކުނޫޒުގައި ބަޖެޓަށް ބަހުސް ކުރުމަށް ނިންމުމާ ގުޅިގެންނާއި މަޖިލީހުގެ ކޯރަމް ހަމަނުވެގެން މަޖިލިސް ފެށުން ލަސްވުމާ ގުޅިގެންނެވެ.
ބުރާސްފަތި ދުވަހުގެ ޖަލްސާ ފެށުމަށް އެޖެންޑާ ކޮށްފައި ވަނީ 09:00 އަށެވެ. ނަމަވެސް މަޖިލިސް ފެށިފައިވަނީ 09:30 ގައެވެ.
އިދިކޮޅު މެމްބަރުން މަޖިލީހަށް ވަޑައިނުގެންނެވި ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 30 އަށްވުރެ ގިނަ އެވެ. މަޖިލީހުގެ ކޯރަމަކީ 23 އެވެ.
ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވާތީ، ބުރާސްފަތި ދުވަހު މަޖިލިސް ކުރިއަށްދާ ވަގުތު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ބަޖެޓަށް ބަހުސް ކުރުމަށް ނިންމާފައިވަނީ މ. ކުނޫޒުގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި އިދިކޮޅު މެމްބަރުން ބަޖެޓަށް ބަހުސް ކުރައްވާއިރު، މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާއި ޕްރެޒެންޓޭޝަންތައް ވެސް ކުނޫޒުގައި ބާއްވާ ޖަލްސާގައި ފެންނާނެއެވެ.
އިދިކޮޅު އެމްޑީޕީން މަގުމަތީ ކޯޓެއް ހެއްދެވިކަމަށް މޫސަ ވިދާޅުވިއިރު، މަގުމަތީ ކޯޓެއް ހައްދަވާ ވާހަކަ ދެއްކެވީވެސް އޭރު މޫސަ އެވެ. އޭރު މޫސައަކީ އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅެކެވެ. މޫސައަކީ އެމްޑީޕީގެ ޗެއާރޕާސަން ކަމާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި ބޭފުޅެކެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ސަރުކާރަށް، އެންމެ ބޮޑަށް ރައްޔިތުންނާއި އޭރުގެ އިދިކޮޅު ފަރާތްތަކުން، (މިހާރު ސަރުކާރު ހިންގާ ފަރާތްތަކުގެ) ފާޑު ކިޔުން އަމާޒުވި އެއްމައްސަލައަކީ ތިލަފުށި ކޯޕަރޭޝަނުން ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއު މޫސަގެ މަސްލަހަތު އޮންނަ ހެވީ ލޯޑަށް ބޮޑު އަގުގައި ހަވާލުކުރި މައްސަލަ އެވެ.
މޫސަ މިހާރު ގެންދަވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއެކު މަސައްކަތް ކުރައްވަމުންނެވެ. އަދި ތަފާތު އެކި ހަރަކާތްތަކުގައިވެސް މުސާ ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.